ހެރިޓޭޖް މިނިސްޓްރީގެ މަގާމެއް އެމްޑީޕީގެ މީސް މީޑިޔާ އެކްޓިވިސްޓެއް ކަމަށް ޝައްމޫން ޖަލީލް (ލޫކަސް) އަށް ދެއްވައިފިއެވެ.
ލޫކަސް ހަމަޖައްސާފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަގާމަށެވެ.
މި މަގާމު ލިބުމާ ގުޅިގެން ލޫކަސް ކުރި ޓްވީޓެއްގައި ބުނީ ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ސަރުކާރުގައި މަސައްކަތްކުރުުމުގެ ދައުވަތުދެއްވައި ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖްގެ ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވުމަކީ ލިބުނު ހިތްވަރަކާއި އުފަލެއް ކަމަށެވެ.
ލޫކަސް ފާހަގަވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މީސް މީޑިއާގައި އެންމެ ބޮޑަޑް އަޑު އުފުލު އެއް ބޭފުޅާގެ ގޮތުގައެވެ. އަދި ލޫކަސް ވަނީ ސަރުކާރަށް ފާޑުކިޔައި ކުރި ޓުވީޓުތަކުގެ މައްސަލައިގައި ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަން ފެށުމުން ރައީސް ޔާމީންގެ ވެރިކަމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ދިރިއުޅުން ލަންކާއަށް ބަދަލު ކުރައްވާފައެވެ. ލޫކަސް އެނބުރި ރާއްޖެ އައިސްފައިވަނީ ރިޔާސީ އިންތިހާބަށް ފަހުއެވެ.