ދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
އިބްރާހިމް ރަޝީދު، އެ މަގާމުން ވަކިކޮށްފައިވަނީ، މިއަދު ޖަލްސާގައި ވޯޓްގައި ބައިވެރިވި، 70 މެމްބަރުންގެ އިއްްތިފާގުންނެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކޮށްފައިވަނީ، އެބޭފުޅާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމުމަށްފަހުއެެވެ. އެ ސުލުކީ މައްސަލައަކީ އިބްރާހިމް ރަޝީދު، އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރުބަހުން ވާހަކަ ދެއްކިކަމަށް ބުނެ އާއްމު މީހަކު ހުށަހަޅާފައިވާ މައްސަލައެކެވެ.
އެމައްސަލައަށް މެމްބަރުންގެ މެދުގައި ބަހުސްކޮށްފައި ވާއިރު، ގިނަ މެމްބަރުން ބަހުސް ކުރެއްވީ، އިބްރާހިމް ރަޝީދާއި ދެކޮޅަށެވެ. މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން ނިންމިއިރު، މިއީ މަޖިލީހުން ކޯޓެއްގެ ފަނޑިޔާރެއް މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ.