ޑާބީ ކައުންޓީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމާއެކު މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގެ ހަވަނަ މަގާމު ހޯދި ފްރޭންކް ލަމްޕާޑް، މިހާރު ހުސްވެފައިވާ އޭނާގެ ކުރީގެ ކްލަބް ޗެލްސީގެ ކޯޗުގެ މަގާމާއި ހަވާލުވާން ނިންމައިފިއެވެ.
އެގޮތުން، ޑާބީ އިން ވަނީ ޗެލްސީއާއެކު މަޝްވަރާކުރުމުގެ ހުއްދަ ލަމްޕާޑަށް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި، ޑާބީއާ އެކު ލަމްޕާޑް ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު އެ އުވާލާނަމަ ޗެލްސީން ހަތަރު މިލިއަން ޕައުންޑް ދައްކަން ޖެހޭނެއެވެ
"ޗެލްސީގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ލަމްޕާޑު ބަދަލުވުމަށްޓަކައި އެ ކްލަބާއެކު އޭނާ މަޝްވަރާކުރުމުގެ އިއުތިރާޟެއްނެތްކަމަށް ޑާބީ ކަައުންޓީ ފުޓްބޯލް ކްލަބުން ޔަގީންކޮށްދެން." އެ ކްލަބުން ނެރުނު ބަޔާނެއްގައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ޑާބީއާ ހަވާލުވެ ލަމްޕާޑް ވަނީ އެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި މޮޅުވިއިރު، އެ މުބާރާތުން އެ ޓީމު ކަޓައިގެންދިޔައީ ޗެލްސީ އަތުންނެވެ. ނަމަވެސް، ކުރިއަށް އޮތް ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށް ޑާބީ ކުރި މަސައްކަތް ކާމިޔާބުނުވީ ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ.
އޭނާގެ އިރުޝާދުގެ ދަށުން ޑާބީ ކުޅުނު 57 މެޗުގެ ތެރެއިން 24 މެޗުން މޮޅުވިއިރު، 16 މެޗުން ބަލިވެފައިވެއެވެ. ބާކީ 17 މެޗުން އެ ޓީމު ވީ އެއްވަރެވެ. އެ ޓީމުން 90 ގޯލް ކާމިޔާބުކުރިއިރު، ބައިކޮޅަށް 70 ލަނޑުވަދެފައިވެއެވެ.
ޑާބީން ވަނީ އުމުރުން 41 އަހަރުގެ ލަމްޕާޑް އެ ޓީމުގައި ބެހެއްޓުމަށްޓަކައި ކޮންޓްރެކްޓް އާ ކުރަން ވެސް މަޝްވަރާކޮށްފައެވެ. އެކަމަކު, ލަމްޕާޑް އެ ގޮތަށް ބޭނުންނުވުމުން ޗެލްސީއާ ރަސްމީކޮށް ވާހަކަ ދެއްކުމުގެ ހުއްދަ އެ ކްލަބުން ދިނީއެވެ. ބެލެވޭގޮތުގައި، އަންނަ ހުކުރު ދުވަހުގެ ވަގުތެއްގައި ޗެލްސީގެ ކޯޗެއްގެ ގޮތުގައި ލަމްޕާޑް ތައާރަފް ކުރާނެއެވެ.
ޗެލްސީގެ ކޯޗުގެ މަގާމާއި ލަމްޕާޑް ހަވާލުވާއިރު، އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ކުޅުންތެރިން ގެނެވެން ނެތުމެވެ. އެގޮތުން، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެޑެން ހަޒާޑް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލަށް ބަދަލުވެފައިވާއިރު، ޗެލްސީ އަށް އިތުރު ކުޅުންތެރިޔަކު ގެނެވެން ނެތުމަކީ އެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ގެއްލުމެކެވެ.
ޗެލްސީއާއެކު ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރީ 13 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބުކުރި 211 ލަނޑާއެކު އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ލަމްޕާޑް، އެ ޓީމުގެ ކޯޗުގެ މަގާމަށް ގެންނަން އަދި މާ އަވަސްކަމަށް ޗެލްސީގެ ކުރީގެ ބައެއް ކުޅުންތެރިން ގަބޫލުކުރެއެވެ.
ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލަމްޕާޑްގެ އެހީތެރިންގެ ގޮތުގައި ޗެލްސީ އެކަޑެމީގެ ކުރީގެ ކޯޗު ޖޯޑީ މޮރިސް އާއި ތަޖުރިބާކާރު ފިޓްނަސް ކޯޗު ކްރިސް ޖޯންގެ އިތުރުން އޭނާއާއެކު ކުރީން ކުޅުނު ބައެއް ކުޅުންތެރިން ފެނިގެންދާނެކަމަށްވެއެވެ.
މީގެއިތުރުން، ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕީޓަ ޗެކް ވަނީ ކުޅުން ހުއްޓާލުމަށްފަހު އެ ޓީމުގެ ޕާފޯމަންސް އެންޑް ޓެކްނިކަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެފައެވެ. އަދި، އިތުރު އެހީތެރިންގެ ގޮތުގައި ވޭން ބްރިޖް އާއި ޖޯ ކޯލްގެ އިތުރުން ކްލައުޑީ މަކަލޭލޭ ވެސް ފެނުން ވަރަށް ގާތްކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.