މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި 64 ލަނޑުން އިންގްލެންޑް ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އެ މުބާރާތުގެ ސެމީ ފައިނަލުުން ޖާގަ ހޯދައިފިއެވެ.
މި ނަތީޖާއާއެކު، އެއްވަނައިގައި އުޅޭ އޮސްޓްރޭލިއާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ސެމީގެ އަނެއް ތިން ޖާގައިގެ ތެރެއިން ދެ ޖާގަ ހޯދުން އެންމެ ގާތީ، 11 ޕޮއިންޓާއެކު ދެވަނައިގައި އޮތް ނިއު ޒީލެންޑްގެ އިތުރުން 9 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިންޑިއާ އެވެ. އިއްޔެގެ މެޗުން ބަލިވި އިންގްލެންޑް އުޅެނީ 8 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އިންގްލެންޑްގެ ލޯޑްސްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އޮސްޓްރޭލިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 285 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން އާރޮން ފިންޗް 100 ލަނޑުހެދިއިރު، ޑޭވިޑް ވޯނާ 53 ލަނޑުހެދިއެވެ. މީގެއިތުރުން، 27 ބޯޅައިން 38 ލަނޑުހެދި އެލެކްސް ކަރޭގެ ކުޅުންވެސް ފާހަގަކޮށްލެވެއެވެ. އިންގްލެންޑުުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި ކްރިސް ވޯކްސް އެވެ.
ޖަވާބުގައި ކުޅެން އެރި އިންގްލެންޑްގެ ހުރިހާ ކުޅުންތެރިން 44.4 އޯވަރުގެ ތެރޭގައި ނުބައިވީ 212 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 89 ލަނޑުހެދި ބެން ސްޓޯކްސް އެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޖޭސަން ބެހްރެންޑޯފް ފަސް ވިކެޓްނެގިއިރު، މިޗޭލް ސްޓާކް ހަތަރު ވިކެޓްނެގިއެވެ.
ކްރިކެޓް ވޯލްޑްކަޕްގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ޒީލެންޑާއި ޕާކިސްތާނެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.