ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އާ ޕްރޮޑަކްޓްތައް ތައާރަފު ކުރަމުން ގެންދާ، ކްރައުން އެންޑް ޗަމްޕާ ކުންފުނިން ރާއްޖޭގެ ފުރަތަމަ ވެލްނަސް ރިސޯޓު ތަރައްޤީ ކުރަން ފަށައިފި އެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރިލެކްސިން އަދި ވެލްނެސް އަށް ހާއްސަ ހިދުމަތްތައް ލިބޭ ގޮތަށް އެ ކުންފުނިން ރިސޯޓު ތަރައްގީ ކުރަނީ ކ. ކަގީގަ އެވެ.
"ކަގި މޯލްޑިވްސް ސްޕާ އައިލެންޑް" ގެ ނަމުގައި ބްރޭންޑުކޮށްގެން ތަރައްގީ ކުރާ މި ރިސޯޓުގައި 50 ކޮޓަރި ހުންނައިރު، އޭގެ ތެރެއިން 40 ކޮޓަރި ހުންނަނީ މޫދުގައެވެ. އަދި އަނެއް 10 ކޮޓަރިއަކީ ބީޗް ކޮޓަރި ތަކެވެ.
"ކަގި މޯލްޑިވްސް ސްޕާ އައިލެންޑް"ގެ އެންމެ ހާއްސަ ކަމަކީ އެ ރިސޯޓުގެ މޫދުގައި ތަރައްޤީކުރާ ސްޕާ އެންޑް ވެލްނެސް ސެންޓަރެވެ. އެ ސެންޓަރުގައި ވެލްނެސްއަށް ހާއްސަ 13 ކޮޓަރި ހުންނައިރު އެތަނުގައި ޔޯގާ ޕެވިލިއަންއެއް ހުންނާނެއެވެ.
ކަގި ވެސް ފަރުމާކޮށްފައިވަނީ ޗަމްޕާ ކުންފުނީގެ ގިނަ ރިސޯޓުތަކުގެ ފަރުމާ ކުރުންތެރިޔާ އެމެރިކާގެ ޔޫޖީ ޔަމަޒާކީ އެވެ.
އެ ރިސޯޓް ހުޅުވާނެ ތާރީހެއް އެ ކުންފުނިން ހާމަކޮށްފައި ނުވާއިރު، އެ ރިސޯޓު ތަަރައްގީ ކުރުމަށްޓަކައި ގާތްގަނޑަކަށް 2.5 ހެކްޓަރުގެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މެއި މަހު ވަނީ ކޮށްފަ އެވެ.
ކްރައުން އެންޑް ޗަމްޕާ ކުންފުނިން އެންމެ ފަހުން ހުޅުވާފައިވަނީ ޅ. ހުރަވަޅި އާއި ކުޑަދޫ ޕްރައިވެޓް އައިލެންޑެވެ.