އަންނަ ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ސިލްވާ ވަނީ ސިޓީއާއެކު މިހާތަނަށް ހަތަރު ޕްރިމިއާ ލީގާއި، ލީގު ކަޕްގެ އިތުރުން އެފްއޭކަޕް މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ. އެގޮތުން، 2010 ވަނަ އަހަރު ސްޕެއިނުގެ ވެލެންސިއާ އިން ބަދަލުވެ އޭނާ ވަނީ ސިޓީ އަށް މިހާތަނަށް 395 މެޗު ކުޅެދީފައެވެ.
މީގެއިތުރުން، ނިމިދިޔަ ސީޒަނުގައި ސިޓީން ޑޮމެސްޓިކް ތިން މުބާރާތް ކާމިޔާބުކުރިއިރު، ސިލްވާ ވަނީ ލީގުގައި އެ ޓީމަށް 33 މެޗު ކުޅެދީ ހަ ގޯލް ޖަހާފައެވެ.
އޭނާ ވަނީ މިދިޔަ އޯގަސްޓް މަހުގައި ސްޕެއިނުގެ ގައުމީ ޓީމަށްވެސް ކުޅުން ހުއްޓާލައިފައެވެ. އެ ޓީމަށް 120 އަށް ވުރެ ގިނަ މެޗު ކުޅެދީ 37 ގޯލް ޖަހައިދީފައިވާ ސިލްވާ ވަނީ އެ ޓީމާއެކު ވޯލްޑްކަޕް އެއް ފަހަރު އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އުފުލާލައިފައެވެ.
އަންނަ ސީޒަނަށްފަހު ސިޓީން އަދި ފެނިގެންގޮސްދާނެތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން ސިލްވާ ބުނީ ދެން ކުރިއަށް އޮތް ސީޒަނަށްފަހު އެ ޓީމުން ނުފެންނާނެކަމަށެވެ.
"ކުރިއަށް އޮތީ ސިޓީގައި އަހަރެން ހޭދަކުރާނެ ފަހު ސީޒަން." ސިލްވާ ބުންޏެވެ.
"މި ކްލަބުގައި މިހާތަނަށް 10 އަހަރު ހޭދަކޮށްފީމު، މިއީ ޓީމު ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު." ސިލްވާ އިތުރަށް ބުންޏެވެ.
"ސިޓީން އެންމެފަހުން ހުށަހެޅީ ދެ އަހަރުގެ އެއްބަސްވުމެއް، ނަމަވެސް އަހަރެން ބޭނުންވީ އެއް އަހަރަށް ބަދަލުކުރަން. އޭރުން މި ޓީމުގައި އަހަރެންނަށް 10 އަހަރު ހޭދަކުރެވިފައި އޮންނާނީ."
"ސިޓީ ފިޔަވައި އެހެން ޓީމަކުން އަހަރެން ނުފެންނާނެ." ސިލްވާ ނިންމާލަމުން ބުންޏެވެ.