ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުލަތަށް ބިލިއަނެއްހާ ރުފިޔާއަށް ދަރާފައިވާ ކަމަށް ސަރުކާރުގެ ބައެއް މަސްދަރުތަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ރައީސް ޔާމީންގެ ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ހުށަހެއްޅުއްވި ކުއްލި މައްސަލައަށް ބަހުޘް ކުރައްވަމުން ޖާބިރު ވިދާޅުވީ، އޭނާ ސަރުކާރަށް ދަރާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ ހުރިހާ ރިސޯޓުތައް ބަންދުކޮށް، ގެނައި ހުރިހާ ކޮންޓެއިނަރުތައް ހިފަހަށްޓާ، މިއަދު ސަރުކާރަށް ދަރާފައި އޮތީ އަޅުގަނޑު ކަމަށް ނޫސްތަކުގައި އޮތީ، ކަނޑައެޅިގެން ދޮގެއް އެއީ" ޖާބިރު ވިދާޅުވިއެވެ.
ދައުލަތަށް ދަރާފައި ނުވާނެ ކަމަށް ޖާބިރު ވިދާޅުވާއިރު، އޭނާ 1 ބިލިއަން ރުފިޔާ އާއި 1.5 ބިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ދައުލަތަށް ދަރާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އަބްދުﷲ ޖާބިރު މިފަހަކުން ފާހަގަވެފައި ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މިވެރިކަން ގެނައުމުގައި އެނާ ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށް ބުނެ މީގެ ކުރިން މީޑިއާ ތަކުގައި ވަނީ ވާހަކަދައްކާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ މެންބަރު ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ޖާބިރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވައިގެންވެސް ޖާބިރު ވަނީ ސަރުކާރަށް ވަރަަށް ބޮޑަށް ފާޑުކިއުއްވާއެވެ.