ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ވައްކަމުގެ މައްސަލަތަކާއި، ގާނޫނާއި ހިލާފަށް ހިންގި ޖަރީމާތައް ނުބަލާތީ އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި، މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ އެތައްބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި، ނުނިމި ލަސްވަމުންދާކަމީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް ކަމަށް ބުނެ އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
އަދި ވައްކަމާއި ހިޔާނާތާއި މަނީލޯންޑްރިންގެ ބޮޑެތި މައްސަލަތަކުގެ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ހެދި ހެދުމަކީ ނުބަލާ ދޫކޮށްލެވޭނެ ވަރުގެ މައްސަލަތަކެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންފައިވާއިރު، މިހާރު ކުރިއަށް ދަނީ އެމައްސަލައަށް މެމްބަރުންގެ މެދުގައި ބަހުސް ކުރުމެވެ.