ދިވެހިރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދުތަކުގައި ހަޤީޤީ ކުލަ ޖެއްސޭނީ ރާއްޖޭގައި އޮތް ބަދަލުހިފުމުގެ ސަޤާފަތް ނެތިކޮށްލައިގެން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހަށް ހުށަހެއްޅުއްވި ކުއްލި މައްސަލައަށް ބަހުޘް ކުރައްވަމުން ކުރީގެ އިކޮނިމިކް މިނިސްޓަރ ސައީދު ވިދާޅުވީ، ފެންނަމުންދާ މަންޒަކީ އެއްބަޔަކު އަނެއްބަޔަކު، އަދި އެއް ސަރުކާރަކުން އަނެއް ސަރުކާރަކުން ކޮށްފައި ހުންނަ ގޯސް ކަންތައްތަކާއި، ހިންގާފައި ހުންނަ ޖަރީމާތަކުގެ ވާހަކަތައް ދައްކާ މަންޒަރުކަމަށެވެ.
"ރައީސް ނަޝީދުގެ ސަރުކާރުގައި އަޑުއިވިގެން ދިޔައީ ރައީސް މައުމޫންގެ ދައުރުގައި ހިންގާފައި ހުރި ޖަޒީމާ ތަކުގެ ވާހަކަ. އެއްބަޔަކިު ލާދީނީ، އަނެއްބަޔަކު ވައްކަން، އަނެއްބަޔަކު އަނެއްކަން،" ސައީދު ވިދާޅުވިއެވެ.
އަދި ޤައުމުގެ ތަރައްޤީއަށް، ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭކަން މެންބަރު ސައީދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާލަން މިއުޅެނީ އިއްޒަތްތެރި ރައީސް، ދިވެހި ރާއްޖޭގައި ބަދަލުހިފުމުގެ ސަޤާފަތް ނުހުއްޓޭހާ ދުވަހަކު ދިވެހިރާއްޖޭގެ ތަރައްްޤީއަށް ރައްޔިތުން ކުރާ އިންތިޒާރުގައި ދުވަހަކުވެސް ކުލައެއް ނުޖެހޭނެ" ސައީދު ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވާ ސައީދު އިތުރަށް ވިދާޅުވީ، އިންސާފު ޤާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި އިންސާފު ޤާއިމްކުރުމުގައި ވަކި ބަޔަކު ނުވަތަ ވަކި ސަަރުކާރެއް އިސްތިސްނާވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ސައީދު ވަނީ ވިދާޅުވެފައެވެ.