އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން އިއްޔެ ރައްޔިތުންގެ މަޖިލިސް ކޮމިޓީން ނިންމުމާއެކު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ ލުތުފީ ހުށަހަޅުއްވާ ފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހޫދު ވިދާޅުވީ ލުތުފީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އޮފީހަށް އިއްޔެ މެއިލް ކުރައްވާފައިވާ ކަމަށެވެ.
ލުތުފީ އޭސީސީން އިސްތިއުފާ ދެއްވާފައި ވަނީ، މިިދިޔަ ދެ މަސް ދުވަހު އޭނާާ ވަޒީފާއަށް ނުކުމެވަޑައިގެންފައި ނުވާތީ އޭނާ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމާފައި ވަނިކޮށެވެ.
އޭސީސީން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ މިދިއަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ.