އިސްލާމިކް ޔުނިވާސިޓީ ކައިރީގައި ހުރި ކުޑަކުއްޖަކަށް ފުލުހުން އަނިޔާކޮށް، އެ ސަރަހައްދަށް އެއްވި މީހުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.
މަންޒަރުދުށް ފަރާތަކުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ބުނީ، އެ ކުޑަކުއްޖާއަށް އަނިޔާކޮށްފައިވަނީ އެސްއޯ ދެ ފުލުހުން ކަމަށެވެ. އަދި އެ ކުއްޖާއަށް އަނިޔާ ކުރަން ފެށުމުން ދިފާއުގައި، އެ ކުއްޖާވެސް ފުލުހުންނާއި ކުރިމަތިލި ކަމަަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ އެ ކުޑަކުއްޖާ ހަޅޭ ލަވާ އަޑަަށް އެތަނަށް މީހުން އެއްވުމުން އެމީހުންގެ ގަޔަށް އެއްވެސް ބެލުމެއް ނެތި ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފައިވާ ކަމަށެވެ.
"އެއްވެސް ބެލުމެއް ނެތި ފުލުހުން ޕެޕަރ ސްޕްރޭ ޖެހީ، އަންހެނުންނާއި ކުޑަކުދިންވެސް އެސަރަހައްދުގައި ތިބި" އޭނާ ބުންޏެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަލާ ދިން މައްސަލާގައި ޕެޕާ ސްޕްރޭ ޖަހައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިރޭ 9:15 ހާއިރުއެސްއޯ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އިސްލާމިކް ޔުނިވާސިޓީ ކަންމަތީގައި ހަތަރު މީހުންގެ ގްރޫޕެއް ތިބުމުން އެ މީހުންނާ ވާހަކަ ދައްކައި އެ ތަނުން ދިޔުމަށް ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އެ މީހުން އެ ސަރަހައްދުން ނުދިޔަ ކަމަށެވެ
އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސް ކުރަން އުޅުމުގެ ތެރޭގައި އެކަކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހެއް ކޮއްޕާލަފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެން ތިބި މީހުން ފުލުހުން ގަޔަށް އަރައިގެންފައިވާ ކަމަށެވެ.
އެތަން ކޮންޓްރޯލު ކުރަން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށާއި އަދި ވާޖިބަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވާ ކަމާށް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ މަރުކަޒަށް ގެނެސް ބެލިއިރު އެއީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަން އެނގުމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.