ކޮންމެ މެޗެއްގެ ކުރީން، ފެށުމުގެ ގޮތުން ގައުމީ ސަލާމް ކިޔާ ވަގުތު ހަޅުތާލުނުކުރުމަށް އެމެރިކާގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މޭގަން ރަޕީނޯގެ ކިބައިން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިއްޖެއެވެ.
މިކަމަށް އިޝާރާތްކޮށް ޓްރަމްޕް ވަނީ ރަޕީނޯގެ ފަރާތުން ފެންނަ ކަންތައްތަކަށް ތާއިދުނުކުރީ ނަމަވެސް، އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމުގެ މެޗުތައް ބެލުމަށް ޝައުގުވެރިވާކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމަކީ ހުނަރުން ފުރިފައިވާ ޓީމެއްކަމަށް ޓްރަމްޕް ބުންޏެވެ.
ރަޕީނޯ އަކީ ޓްރަމްޕްގެ އެކި ސިޔާސަތުތަކަށް ވަރަށް ދެކޮޅު މީހެކެވެ. އެގޮތުން، އޭނާ ވަނީ އެކިފަހަރުމަތީން އެކަމަށް ފާޑުކިޔާފައެވެ.
ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއިދުނުކުރާ މީހެއްގެ ހައިސިއްޔަތުން ހަޅުތާލުކުރުމުގެ ގޮތުން، ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރުމުގެ ބަދަލުގައި ރަޕީނޯ ހުންނަނީ ކަކޫ ޖަހައިގެން ބިންމަތީގައެވެ. ނަމަވެސް، އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހުރިހާ ކުޅުންތެރިންވެސް ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރުމަށް އަންގާފައެވެ. އެމެރިކާ ޓީމު ކުޅޭ މެޗުތައް ފެށުމުގެ ކުރީން، ގައުމީ ސަލާމް ނުކިޔާތީވެ ރަޕީނޯ އަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.
ދާދިފަހުން، އެމެރިކާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނެކޭ އެއްވަރަށް މުސާރަ ހޯދަން އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމުން ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ ޓީމުގެ ކުޅުންތެރިން ދެކޭ ގޮތުގައި، އެމެރިކާގެ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެއްވަރަކަށް އަންހެން ޓީމުގެ ކުޅުންތެރިންނަށްވެސް ލިބެންޖެހޭނެއެވެ.
އެހެނީ، އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކަށްވެފައި އެ ގައުމަށް ރީތި ނަން ހޯދައިދޭ ޓީމެކެވެ. އެގޮތުން، މިހާރު ފްރާންސްގައި ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުން އެމެރިކާ ޖާގަ ހޯދާފައިވާއިރު އެ މުބާރާތުގައި ރަޕީނޯ ވަނީ ތިން ލަނޑުޖަހައި، އިތުރު ދެލަނޑުޖެހުމަށް އެހީވެދީފައެވެ.
މިހާރު އޮންނަ ގޮތުން އެމެރިކާގެ އަންހެން ޓީމުގެ ކުޅުންތެރިންނަށް ލިބެނީ ފިރިހެން ޓީމަށް ލިބޭ މުސާރަ އާއި ބޯނަހުގެ ޖުމްލައިގެ 50 އިންސައްތައެވެ.
މިކަމާ ބެހޭގޮތުން ޓްރަމްޕް ބުނީ، އަންހެން ޓީމުގެ ކުޅުންތެރިންނަށް، ފިރިހެން ޓީމުގެ ކުޅުންތެރިންނާ އެއްވަރަށް މުސާރަ ދިނުމަށް ކަނޑައަޅާ އުސޫލަކީ އިކޮނޮމިކްސްއާ ގުޅުންހުރި ކަމެކެވެ.
"އަހަރެންނަށް ހީވާ ގޮތުގައި މިއީ އިކޮނޮމިކްސްއާ ގުޅުންހުރި ކަމެއް. މީގައި ބަލަންވީ ކަމަކީ، އެންމެ ބޮޑު އާމްދަނީއެއް ހޯދައިދެނީ ކޮން ޓީމަކުންތޯ އާއި އެ ފައިސާ ލިބެމުން އަންނަ ގޮތް. މިސާލަކަށް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ބޮޑު އާމްދަނީއެއް ލިބޭ ހުނަރުވެރި ކުޅުންތެރިއެއް. އޭނާ ކުޅޭ މެޗުތައް ބެލުމަށް އެތަކެއް ހާސް މީހުން ޝައުގުވެރިވޭ." ޓްރަމްޕް ބުންޏެވެ.
"ނަމަވެސް، އަދި އަހަރެން މިކަމާއި މަޝްވަރާއެއް ނުކުރަން. ކުރިއަށް އޮތް ތަނުގައި މިކަމަށް މަސައްކަތްކުރާނަން." ޓްރަމްޕް ބުންޏެވެ.