ވަރިއަކީ ޝަރުއީ ގޮތުން ކުރެވޭ ކައިވެނީގެ ގޮށް މޮހާލުމަށް ކިޔާ ނަމެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގައި ހަތަރުލައްކައެއްހާ މީހުން އުޅޭއިރު، ރާއްޖެ ސިފަވެފައި އޮންނަނީ ނުވަތަ ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ދެކުނު އޭޝިއާގައިވެސް އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ އެއް ގައުމުގެ ގޮތުގައެވެ. ރާއްޖޭގައި ވަރީގެ އިންސައްތަ އެހާ މަތީގައި އުޅޭގައި މިކަން މިގޮތަށް ވާންޖެހޭ ސަބަބުތަކަށް އެބަ ނަޒަރު ހިންގާލަން ޖެހެއެވެ.
ހިތް ނުރުހޭ މީހަކާއި މަޖުބޫރުންވެސް ނުވަތަ އާއިލާގެ އެދުމަށްވެސް ކައިވެނި ކުރުމުން ގިނަ ފަހަރު އެ ކައިވެނި ވަރަށް ފަސޭހައިން ރޫޅި ދެއެވެ. އެއީ ކައިވެންޏަކީ ވަރުގަދަ އަހުދަކަށް ވެފައި އެއީ އިތުބާރާއި ލޯބީގެ މައްޗަށް އެކުލެވޭ މަތިވެތި ގުޅުމަކަށްވާތީއެވެ. ހިތް ނޭދޭ ކަމެއް ނުކުމަކީ އިންސާނީ ތަބީއަތުގައިވެސް ލައްވާފައިވާ ކަމެކެވެ.
ކައިވެންޏެއްގައި ހަރަދު ކުރުމުގެ ހުރިހާ ޒިންމާއެއް އެޅިފައި އޮންނަނީ ފިރިމީހާގެ ބޮލުގައެވެ. އަނބިމީހާއަށް ކިތަންމެ ފައިސާއެއް ލިބުނެއް ކަމަކު އާއިލީ ބޭނުމަށް އަނބިމީހާގެ އިޒުނައާއި ނުލާ އެ ފައިސާ ބޭނުން ކުރުން ހުއްދަވެގެން ނުވެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަނީ މާލޭ ސަރަހައްދުގައެވެ. މާލޭ ސަރަހައްދަކީ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑު ސަރަހައްދެކެވެ. ވެރިރަށް މާލޭގައި އަދި އެކަން ވަނީ ހައްދުންނައްޓާފައެވެ. ގޭގެ ކުލި ދައްކާފައި ގިނަ ފަހަރު ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ މީސްމީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ނުވަތަ ކޮންމެވެސް ހެޔޮއެދޭ ރަށްޓެއްސެއްގެ އެހީތެރިކަމުގައެވެ. ދިރިއުޅުމުގެ ހަރަދުތަކުގެ ސަބަބުން ދެމެފިރިންގެ މެދުގައި އަރާރުންވުން އުފެދޭ ފަހަރު އާދެއެެވެ. އަދި އާހިރު ނަތީޖާއަކަށް ކައިވެނީގެ ގޮށް މުހާލާ ހިސާބަށްވެސް އެކަންތައް ދެއެވެ.
އިތުބާރާއި ޔަޤީން ކަމަކީ، ކައިވެންޏެއް ދުޅަހެޔޮކަން މަތީ ދެމި އޮތުމުގެ އެންމެ ބޮޑު އަސާސެކެވެ. އެއްބައިވެރިއަކު އަނެއް ބައިވެރިއަކަށް ޝައްކުގެ ނަޒަރަކުން ބަލައި، ކުށްހީ ކުރަން ފަށައިފިނަމަ ކައިވެނީގެ ބިންގާގައި ރެނދު އަޅައި ބިމާ ހަމަވެދާނެއެވެ. އެހެންކަމުން ބައިވެރިޔާއަށް ފުރިހަމައަަށް އިތުބާރު ކުރުން މުހިންމެވެ.
ކައިވެންޏެއްގެ ބަހާރުމޫސުމަކަށް ވާނީ ދަރިއަކު ލިބޭ ހިސާބުން ކަމީ އެކަމުގައި ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ. ނަމަވެސް ހިތާމައަކީ ދަރިންގެ ހަރަދުބަރަދު ބެލެހެއްޓުމުގައި އިހުމާލުވާކަމެކެވެ. އަދި އެކަމުގެ ސަބަބުން އެކަކު އަނެކަކަަަށް އަރާރުންވާތީއެވެ. ދަރިންގެ ކަންކަން ބޮލުން ކަޓުވާލަން މަސައްކަތް ކުރާތީއެވެ. އާހިރު ނަތީޖާއަކަށް ވަނީ ދަރިންގެ ކަންކަމުން ރެކުމަށް ކައިވެނީގެ ގުޅުމުންވެސް ރެކުމެވެ. އާދެ ވަރިވުމެވެ.
ކައިވެނިކުރާގެ މާލީ ތަނަވަސްކަންނެތި ކައިވެނި ކުރުމަކީވެސް ވަރި ގިނަ ވުމަށް މެދުވެރިވާ ސަބަބެކެވެ. އެހެނީ އެކަމުގެ ސަބަބުން ދެމެފިރިންގެ ދެމެދުގައި ބޮޑެތި އަރާރުންވުންތައް އުފެދި ކައިވެނީގައި ރެނދު އެޅުމަށް މަގުފަހިވާތީއެވެ.