މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ހިމެނުނު ގްރޫޕް ބީ ގެ މެޗުތައް ކުޅުނު ދަނޑުތަކުގެ ވިނަގަނޑުގެ ހާލަތާމެދު ލިއޮނަލް މެސީ ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔައިފިއެވެ.
އެގޮތުން، މެސީ ވަނީ އާޖެންޓީނާގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެވުނު ބްރެޒިލްގެ ޕޯޓޮ އަލެގްރޭ އާއި ބެލޯ ހޮރިޒޮންޓޭ އަދި ސަލްވަޑޯގެ ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ދަށްކަމަށާއި އެކަމުގެ ސަބަބުން ކުޅެން އުނދަގޫވިކަމަށް ބުނެފައެވެ.
"މި މުބާރާތުގައި އަހަރެމެން ކުޅުނު ހުރިހާ މެޗެއްގައިވެސް ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ދަށްކަމަށް ފާހަގަވި." ގަތަރު އަތުން މޮޅުވި މެޗަށްފަހު މެސީ ބުންޏެވެ.
އާޖެންޓީނާ އެންމެފަހުން ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދަނޑުގެ ވިނަގަނޑުގެ ހާލަތާމެދު ސުވާލު އުފެދޭ ކަހަލަ މަންޒަރުތައް ފެނިފައިވެއެވެ. އެގޮތުން، މެޗުގެ ދެވަނަ ހާފުގައި މެސީ ފޮނުވާލި ބޯޅައެއް އިތުރު ބައުންސްއަކާއި އެކު ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. މިކަމަށް އިޝާރަތްކޮށް މެސީ ވަނީ އެއާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
"ދަނޑުމަތީގައި ކުޅެމުންދިޔައިރު ފާހަގަވީ ތަންކޮޅަކީ، ބޯޅަ ބައުންސްވާގޮތުން އެ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރުމަށް އިތުރު މަސައްކަތްކުރަންޖެހޭކަމަށް."
"މިގޮތަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް." މެސީ ބުންޏެވެ.
މެސީގެ އިތުރުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވެސް ވަނީ އެ ޓީމުގެ މެޗުތައް ކުޅުނު ދަނޑުތަކުގެ ވިނަގަނޑުގެ ހާލަތާމެދު ސުވާލު އުފައްދާފައެވެ.
"ދަނޑުތަކުގެ ވިނަގަނޑުގެ ވާހަކަ ދައްކާތީވެ، އެހެން މީހުންގެ ފާޑުކިއުންތައް އަހަރެންނަށް އަމާޒުވެފައިވޭ. ނަމަވެސް، ދަނޑުގެ ހާލަތާ ބެހޭގޮތުން ވާހަކަ މި ދައްކަނީ ނަތީޖާ ރަނގަޅު ނޫންވީމަ އެކަމުން ސަލާމަތްވާކަށް ނޫން. ހަގީގަތުގައި މި ކަހަލަ ދަނޑުތަކުގައި ކުޅެން ވަރަށް އުނދަގޫ." ނޫސްވެރިންނަށް ދިން އިންޓަވިއުގައި ސްކަލޯނީ ބުންޏެވެ.