ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު އެޑިންސަން ކަވާނީ ވައްދާލި ލަނޑުން އެންމެފަހު ދެ މުބާރާތުގެ ޗެމްޕިއަން ޗިލީ ބަލިކޮށް އުރުގުއޭ ގުރޫޕުގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން އުރުގުއޭ މޮޅުވީ 1-0 އިންނެވެ.

މީގެކުރީން، މި ދެ ޓީމު ވަނީ 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ބައްދަލުކޮށްފައެވެ. އެ މެޗު 1-0 އިން ޗިލީ ކާމިޔާބުކުރިއިރު، ރޭގެ މެޗުގައި އުރުގުއޭގެ ހަމައެކަނި ލަނޑުޖަހައިދިން ކަވާނީ އަށް އެ މެޗުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވެއެވެ.

ރޭގެ ނަތީޖާއާއެކު، ގްރޫޕް ސީ ގެ މެޗުތައް ނިމުނުއިރު، އެއްވަނައިގައި އުޅޭ އުރުގުއޭ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޗިލީ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އިކުއޭޑޯއާ ޖަޕާން ބައްދަލުކުރި މެޗު 1-1 އެއްވަރުމުން، ޖަޕާނަށް ވަނީ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުޞަތު ގެއްލިފައެވެ. ޖަޕާނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އުޅޭ އިކުއޭޑޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރިއޯގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފެއްދީވެސް ޗިލީ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ޗިލީގެ ޗާލްސް އަރަންގުއިޒް ފޮނުވާލި ހަމަލާ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ މަތަކުރިއެވެ.

ދެވަނަ ހާފުގައި ޕައުލޯ ޑިއާޒް ވަނީ ޗިލީ އަށް ލީޑްނަގައިދިނުމާއި ގާތަށް ޖެހިލާފައެވެ. ޑިއާޒް ބޮލުން ފޮނުވާލި ބޯޅަ އުރުގުއޭގެ ޑިފެންޑަރު ހޯސޭ ގިމެނޭޒް ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް އުރުގުއޭގެ ކަވާނީ ޖަހައިދިނީ ޖޮނަތަން ރޮޑްރިގޭޒް ދިން ބޯޅައަކުންނެވެ. އޭގެފަހުން، ޗިލީ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އަލެކްސިސް ސަންޗޭޒަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އުރުގުއޭގެ ކީޕަރު މުސްލޭރާ މަތަކުރިއެވެ.

ރޭގެ މެޗަށްފަހު އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ، ވަރަށް ވާދަވެރިކޮށް ފެނިގެންދިޔަ މެޗުން އޭނާގެ ޓީމު މޮޅުވީ އިދިކޮޅު ޓީމަށްވުރެ ކުޑަ ތަންކޮޅެއް ކުޅުން ރަނގަޅުވީމަކަމަށެވެ.

މެޗުން ބަލިވި ޗިލީގެ ކޯޗު ރެއިނާލްޑޯ ރުއެޑާ ވަނީ އޭނާގެ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. އޭނާ ވެސް ފާހަގަކުރިގޮތުގައި ރޭގެ މެޗަކީ ވަރަށް އެއްވަރުކޮށް ފެނިގެންދިޔަ މެޗެއްކަމަށާއި އުރުގުއޭގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށާއި އެ ޓީމު ކުޅޭ ސްޓައިލްގެ ސަބަބުން އޭރިއަލް ބޯޅަތަކުގައި ކުޅެން އުނދަގޫވި ކަމަށެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅެވޭނީ މިމަހުގެ 28 ވާ ހުކުރު ދުވަހު އެވެ. އެރޭ ރާއްޖޭގަޑިން ފަތިހު 05:30 ގައި ކުޅެވޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ބްރެޒިލާއި ޕެރަގުއޭ އެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް:

ބްރެޒިލް - ޕެރަގުއޭ   (28 ޖޫން 2019، ގަޑި: 05:30)

ވެނެޒުއޭލާ - އާޖެންޓީނާ (29 ޖޫން 2019، ގަޑި: 00:00)

ކޮލަމްބިއާ - ޗިލީ    (29 ޖޫން 2019، ގަޑި: 04:30)

އުރުގުއޭ - ޕެރޫ     (30 ޖޫން 2019، ގަޑި: 00:00) 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *