އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑަށް ކޯޗުކޮށް ދެމުން އަންނަ ރަފައެލް ބެނީޓޭޒް އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރުން ނިންމައިފިއެވެ.

ނިއުކާސަލްގެ ރަސްމީ ޓުވިޓާ އެކައުންޓުންވެސް ވަނީ ބެނީޓޭޒް އެ ޓީމު ދޫކޮށްލާކަން ކަށަވަރުކޮށްދީފައެވެ.

ނިއުކާސަލްގެ ކޯޗުކަމާއި ބެނީޓޭޒް ހަވާލުވީ 2016 ވަނަ އަހަރުގެ މާރިޗް މަހުގައެވެ. ނަމަވެސް، އެ ސީޒަނުގައި ކަންތައް ދިމާކުރިގޮތުން އެ ޓީމު ރެލިގޭޓްވިއިރު، ޖެހިގެންއައި 2016/2017 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އަލުން ޕްރޮމޯޓުވިއެވެ.

ބެނީޓޭޒްގެ އިރުޝާދުގެދަށުން، ނިއުކާސަލް މިދިޔަ ސީޒަން ނިންމާލީ 13 ވަނައިގައެވެ. އެ ޓީމާއެކު އޭނާ ވަނީ، ޕްރިމިއާ ލީގުގައި މިހާތަނަށް ކޯޗުކޮށްދިން 86 މެޗުގެ ތެރެއިން 27 މެޗު ކާމިޔާބުކޮށްފައެވެ. 38 މެޗުން ބަލިވިއިރު، 21 މެޗުން އެއްވަރުވެފައިވެއެވެ.

އުމުރުން 59 އަހަރުގެ ބެނީޓޭޒް، ނިއުކާސަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ޖޫން މަހުގެ ނިޔަލަށެވެ. އެއަށްފަހު އޭނާ ގުޅޭނެ ޓީމެއް މިހާތަނަށް ހާމަކޮށްފައިނުވީނަމަވެސް، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ ދިއުން އެންމެ ގާތީ ޗައިނާއަށެވެ.

އެގޮތުން، ޗައިނީސް ސުޕަލީގުގެ ޑާލިއަން ޔިފާންގ އިން ބެނީޓޭޒް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ސީޒަނަށް، އަހަރަކު 12 މިލިއަން ޕައުންޑްގެ މުސާރައެއް ހުށަހަޅާނެކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ސްޕެއިނަށް އުފަން ބެނީޓޭޒް ވަނީ މީގެކުރީން، ވެލެންސިއާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ އިތުރުން ލިވަޕޫލަށްވެސް ކޯޗުކޮށްދީފައެވެ. އެގޮތުން، އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ލިވަޕޫލްގައެވެ.

ބެނީޓޭޒްގެ ބަދަލުގައި ނިއުކާސަލްގެ ކޯޗުގެ މަގާމަށް ގެނައުން އެންމެ ގާތީ، ކުރީން ސްވަންސީ ސިޓީގެ ކޯޗު ގެރީ މޮންކް ނޫނީ މެންޗެސްޓާ ސިޓީގެ މިހާރުގެ އެސިސްޓެންޓް ކޯޗު މިކޭލް އާޓޭޓާ އެވެ.

https://twitter.com/NUFC/status/1143119124748492802

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *