އުރީދޫ ކަލަރ ރަން އައްޑޫ 2019ގެ އެކްސްޕޯ މި މަހު 25 އަދި 26 ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިއަހަރު އައްޑޫގައި ބޭއްވޭ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް، ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.
އެކްސްޕޯގެ ފުރަތަމަ ދުވަސް ބޭއްވި ގެންދާނީ 25 ޖޫން ވާ އަންގާރަ ދުވަހު، އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ.
· މެންދުރު 2.00 ން ހަވީރު 6.00ގެ ނިޔަލަށް
· ރޭގަނޑު 8.00 ން 10.00 އަށް
އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ 26 ޖޫން ވާ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ.
·ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް
·ރޭގަނޑު 8.00 ން 10.00 އަށް
ކަރަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަޝީދު ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީއެއްގައި ގެންނަން ޖެހޭއިރު ބަދަލުގައި ކިޓް ނެންގެވުމަށް ކިޓް ހަވާލުވާ ފަރާތުގެ އައިޑީކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީކާޑު ކޮޕީ އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަޝީދު ޕްރިންޓް ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމުގައި އުރީދޫން ބުނެއެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. އުރީދޫ ކަލަރ ރަން އައްޑޫ ބޭއްވިގެންދާނީ ކުރިއަށްއޮތް ހުކުރު ދުވަސްކަމަށްވާ 28 ޖޫން ގެ ހަވީރު 4.00 ން 6.00 ކަށެވެ.
އުރީދޫގެ މަޤްބޫލު ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެންދުނު 8.00 ން 10.00 އަކަށްވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމްކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.
ހަމައެހެންމެ، އުރީދޫ އާއި ގުޅިގެން، ޓްވިޓް ސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަސް ކަމަށްވާ 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާމި ޕްރޮގްރާމު ރާވާ ހިންގަމުން ދަނީ ޓްވިޓް ސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓް ސާފުން މިސްރާބު ޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ.
އުރީދޫ ކަލަރ ރަންގެ އިތުރުން، ކައިޓް ފެސްޓިވަލް އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިވައިފާ ޓްވިޓްސާފު އައްޑޫގައި ބައިވެރިވުމަށް އައްޑޫގެ އެންމެހާ ރައްޔިތުންނަށް، އުރީދޫ އިން ދައުވަތު އަރުވައެވެ.
އުރީދޫ ކަލަރ ރަން އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި ބޭއްވިގެންދާ ފޯރިގަދަ ހަރަކާތްތަކާ އިބެހޭ އިތުރު މަޢުލޫމާތު އުރީދޫ މޯލްޑިވްސް ގެ މީސް މީޑިޔާ ޕޭޖުތަކުން ލިބެން ހުންނާނެއެވެ.