ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ފާސް ކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އެ ބިލް ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު މި ބިލް މިއަދު ގެޒެޓްކޮށް ގާނޫނަކަށްވެފައިވާ ކަމަށެވެ.
ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދިނުމުގެ ބިލް މިމަހުގެ 19 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވަނީ 67 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ ރިޔާސީ ކޮމިޝަން ބިލަކީ ނިމިދިޔަ 18 ވަނަ މަޖިލީހަށް ހުށަހެޅި ބިލެކެވެ. ނަމަވެސް އެބިލު އެކި ސަބަބުތަކާއި ހުރެ އެއިރު މަޑުޖެހިފައި އޮތުމަށް ފަހު އެބިލް ފާސްވެގެން ދިޔައީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަކާއި އެކު އައި އާ މަޖިލީހުންނެވެ.