މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާއެކު ފްރާންސުން ބްރެޒިލް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ފްރާންސް މޮޅުވީ 2-1 އިންނެވެ.

މިއީ މި މުބާރާތުގެ ދެވަނަ ބުރާއި ހަމައިން ބްރެޒިލް ވިދިވިދިގެން ކެޓި ދެވަނަ ފަހަރެވެ.

ރޭގެ މެޗަށް ނިކުތްއިރު، މި ދެ ޓީމު މިހާތަނަށް ވިމެންސް ވޯލްޑްކަޕްގައި ބައްދަލުކުރީ ހަމައެކަނި ފަހަރުގައި 2003 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފްރާންސްގެ ލެ ހަވްރޭގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެގޮތުން، މި ހާފުގައި ބްރެޒިލްގެ ކްރިސްޓިއާން އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިފައިނުވީނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ފްރާންސްގެ ފޯވާޑް ވަލެރީ ގޯވާން އެ ބޯޅަ ފޮނުވާލުމުގެކުރީން ބްރެޒިލްގެ ގޯލްކީޕަރު ބާބަރާ އަށް ފައުލްކުރިކަމަށް ނިންމައި އެ ގޯލް ކެންސަލްކޮށްފައެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، 52 ވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނީ ގޯވާން އެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ އެންމެފަހުން ކުޅުނު ނުވަ މެޗުގައި ޖެހި ހަތްވަނަ ގޯލެވެ. ނަމަވެސް، ފްރާންސަށް ލީޑް ދެމެހެއްޓުނީ ކުޑަވަގުތުކޮޅަކަށެވެ. އޭގެ 11 މިނެޓުފަހުން، ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިނީ ތައިސާ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ނިމުނުއިރުވެސް ދެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. 

ނަމަވެސް، އިތުރުވަގުތުގެ ފަހު ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ފްރާންސަށް ކުއާޓާ އިން ޖާގަ ކަށަވަރުކޮށްދިނީ ކެޕްޓަން އަމަންޑީން އޮންރީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އަމެލް މަޖްރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ، އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮންރީ ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު ފްރާންސް ވަނީ މުބާރާތް ބާއްވާ ގައުމަކުން ދެވަނަ ބުރު ފަހަނައަޅައި ދިޔަ ޔޫރަޕްގެ ހަމައެކަނި ޓީމުގެ ޝަރަފުވެސް ހޯދައިފައެވެ. 

މި މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދީ އިތުރު ޓީމުތަކުގެ ތެރޭގައި އިންގްލެންޑާއި ޖަރުމަން އަދި ނޯވޭ ހިމެނެއެވެ. އިންގްލެންޑުން 3-0 އިން ކެމަރޫން އަތުން މޮޅުވިއިރު، ޕެނަލްޓީޖަހައިގެން 4-1 އިން އޮސްޓްރޭލިއާ ބަލިކޮށް ނޯވޭ ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޖަރުމަނުން ކުއާޓާ އަށް ދަތުރުކުރީ 3-0 އިން ނައިޖީރިއާ ބަލިކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *