ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އޭޝިއާގެ ޗެމްޕިއަން ގަތަރު އަތުން 2-0 އިން މޮޅުވެ އާޖެންޓީނާ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދިއިރު، އެ ގްރޫޕުގައި ހިމެނޭ ކޮލަމްބިއާ ވަނީ ފަހު މެޗުގައި ޕެރަގުއޭ 1-0 އިން ބަލިކޮށް ސަތޭކަ ޕަސެންޓް ރެކޯޑާއެކު އަނެއް ބުރަށް ދަތުރުކޮށްފައެވެ.
ރޭގެ ނަތީޖާތަކަށްފަހު، ގްރޫޕް ބީ ގެ އެއްވަނައިގައި އުޅެނީ ނުވަ ޕޮއިންޓާއެކު ކޮލަމްބިއާ އެވެ. ދެވަނައިގައި އުޅޭ އާޖެންޓީނާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ދެ ޕޮއިންޓާއެކު ޕެރަގުއޭ އަށް އަދިވެސް ކުއާޓާ އަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެގޮތަކީ، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުގެ ގޮތުގައި ހިމެނިގެން އަނެއް ބުރަށް ދިއުމުގެ ފުރުޞަތެވެ. ގަތަރުން ނިންމާލީ އެއް ޕޮއިންޓާއެކު މި ގްރޫޕުގެ އެންމެ ފުލުގައެވެ.
ރޭގެ މެޗަށް އާޖެންޓީނާ އިން ނިކުތީ، އެންމެ ފަހުން ޕެރަގުއޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ޖާމަން ޕެޒެއްލާ އާއި މިލްޓަން ކަސްކޯ އަދި ރޮބާޓޯ ޕެރޭރާގެ ބަދަލުގައި ހުއާން ފޮއިތު އާއި ރެންޒޯ ސަރާވިއާ އަދި ސާޖިއޯ އަގުއޭރޯ އަށް ޖާގަ ދީފައެވެ.
ގަތަރުން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ ކޯޗު ފެލިކްސް ސަންޗޭޒް ވަނީ އެންމެފަހުން ކޮލަމްބިއާ އަތުން 1-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްފައެވެ.
ޕޯޓޮ އަލެގްރޭގެ އެރީނާ ޑޮ ގްރެމިއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިތާ ހަތަރުވަނަ މިނެޓުގައި އާޖެންޓީނާ ވަނީ ލީޑްނަގާފައެވެ. މިއީ ގަތަރުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، އާޖެންޓީނާގެ ލީޑް ފުޅާކުރުމަށް މެންޗެސްޓާ ސިޓީގެ އިތުބާރު ފޯވާޑް އަގުއޭރޯ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ގޯލާއި 12 ވަރަކަށް ޔާޑު ކައިރިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މީގެއިތުރުން، އެ ޓީމުގެ މާޓީނޭޒް ފޮނުވާލި ބޯޅައެއް ގަތަރުގެ ގޯލްކީޕަރު ސާދު އަލް-ޝީބް މަތަކުރިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގަތަރަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި، އިތުރުވަގުތުގައި އެ ޓީމުގެ ބައްސާމް އަލް ރާވީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިއިރު، އާޖެންޓީނާގެ ކުޅުން ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފައެވެ. އެގޮތުން، މި ހާފުގެ ފުރަތަމަ ވިހި މިނެޓުގެތެރޭގައި އެ ޓީމުގެ އަގުއޭރޯ އަށް ލަނޑުޖަހަން ލިބުނު ތިން ފުރުޞަތެއްގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގަތަރުގެ ކީޕަރު ސާދު އަލް-ޝީބް އެވެ. އޭގެފަހުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ވެސް ސާދު މަތަކުރިއެވެ.
މި މެޗުގައި އާޖެންޓީނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، އަގުއޭޭރޯ ވައްދާލީ މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް މި ހާފުގައި ކުޅެން ނިކުތް ޕައޮލޯ ޑިބާލާ ދިން ބޯޅައަކުންނެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި، ޕެރަގުއޭ އަތުން ކޮލަމްބިއާ 1-0 އިން މޮޅުވިއިރު އެ ޓީމުގެ ހަމައެކަނި ލަނޑު، މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ގުސްޓާވޯ ކުއެޔާ އެވެ.
ރޭގެ މެޗުތަކަށްފަހު، މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ބައެއް ޓީމުތައް ޔަގީންވިއިރު، އާޖެންޓީނާ ނިކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. ގްރޫޕް އޭ ގެ އެއްވަނަ ހޯދި ބްރެޒިލް އާއި ގްރޫޕު ބީ ގެ އެންމެކުރީގައި އޮވެ ނިންމާލި ކޮލަމްބިއާ ކުއާޓާގައި ބައްދަލުކުރާނެ ޓީމު ޔަގީންވާނީ މިރޭ ކުޅެވޭ ގްރޫޕް ސީ ގެ މެޗުތަކަށްފަހުގައެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އުރުގުއޭއާ ދެކޮޅަށް ޗިލީ ނިކުންނައިރު އަނެއް މެޗުގައި ޖަޕާން ނިކުންނާނީ އިކުއޭޑޯއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން ފަތިހު 04:00 ގައެވެ.