ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަމަސް ދުވަހުގެ ޗުއްޓީ ދޭން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ހިންގާ ޤަވައިދަށް އިއްޔެ ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން މުުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރައާއި ޢިނާޔަތްތަކާއެކު ދޭންވާނެއެވެ.
އަދި ބަލި ހާލަތު ހުރި ގޮތުން އޮފީހަށް އަންނަން އުޒުރުވެރިވާ ނަމަ ވިހެއުމުގެ ކުރިން ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް، މުސާރައާއި ޢިނާޔަތްތަކާއެކު ދޭންވާނެ ކަމަށް ވެސް ޤަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ފިރިހެން މުވައްޒަފަށް ދަރިއަކު ލިބޭ ތާރީޚުން ފެށިގެން މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، 30 ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށް ވެސް އިއްޔެގެ އިސްލާހުގައިވެއެވެ.
ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް ސާލިހްގެ ރިޔާސީ ވައުދެކެވެ.