މިހާރު އިންގްލެންޑް އަދި ވޭލްސްގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި އަފްގާނިސްތާން އަތުން ގަދަފަދަ އިންޑިއާ ބަލިނުވެ ސަލާމަތްވީ ހަމަކިރިޔާ އެވެ. އިންޑިއާ މި މެޗުން މޮޅުވީ 11 ލަނޑުންނެވެ.

މި މޮޅާއެކު އިންޑިއާ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކު ތާވަލްގެ ތިންވަނަ އަށް ޖެހިލާފައެވެ. އެންމެކުރީގައި އުޅެނީ، ރޭ ވެސްޓް އިންޑީޒް އަތުން މޮޅުވި ނިއު ޒީލެންޑެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ދެވަނައިގައި އުޅޭ އޮސްޓްރޭލިއާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، މުބާރާތް ބާއްވާ ގައުމުކަމަށްވާ އިންގްލެންޑް އޮތީ 8 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި އުޅެނީ ރޭގެ މެޗުން ހަނިގޮތަކަށް ބަލިވި އަފްގާނިސްތާނެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން އަދި ޕޮއިންޓެއްނުލިބެއެވެ. 

އިންޑިއާ އިން ރޭގެ މެޗަށް ނިކުތީ އެ ޓީމު އެންމެފަހުން ޕާކިސްތާން އަތުން މޮޅުވި މެޗުގައި އަނިޔާވި ބުވަނޭޝްވަރު ކުމާރުގެ ބަދަލުގައި މުހައްމަދު ޝާމީ އަށް ޓީމުގެ އެގާރައިން ފުރުޞަތުދީގެންނެވެ. މީގެއިތުރުން، އެ ޓީމުގެ އިތުބާރު އޯޕަނިން ބެޓްސްމަން ޝިކަރް ދަވަން އަށް ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތުގެ ދެން ނުކުޅެވޭނެކަން ޔަގީންވުމުން އޭނާގެ ބަދަލުގައި ރިޝަބް ޕަންތު ވަނީ ސްކޮޑުގައި ހިމަނާފައެވެ.

އިންގްލެންޑްގެ ސައުތުހެމްޕްޓަންގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، އިންޑިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 224 ލަނޑެވެ. އާއްމުކޮށް ރަނގަޅަށް ފަށައި އިންޑިއާ އަށް މައްސަލަތައް ދިމާވީ، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޯހިތު ޝަރްމާ ވަރަށް ދަށް ސްކޯއަކަށް އިނިންގްސް ކުރީކޮޅު ނުބައިވުމުންނެވެ. އޭރު އިންޑިއާގެ ސްކޯ އަކީ އެއް ވިކެޓަށް ހަތް ލަނޑެވެ.

އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން ވިރާތު ކޯލީ 63 ބޯޅައިން 67 ލަނޑުހެދިއިރު، ކެދަރް ޖާދަވް ވަނީ 52 ލަނޑުހަދާފައެވެ. އަފްގާނިސްތާނުން އެންމެ ރަނގަޅަށް އުކި ގުލްބަދިން ނައިބް އާއި މުހައްމަދު ނާބީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، 26 ލަނޑަށް ވިކެޓެއްނެގި އެ ޓީމުގެ މުޖީބުއް ރަހްމާނުގެ ކުޅުން ފާހަގަކޮށްލެވެއެވެ.

ޖަވާބުގައި ކުޅެން އެރި އަފްގާނިސްތާނުން ވަނީ މެޗުގެ ފަހު ފަސް އޯވަރާއި ހަމައަށް ދިޔައިރު، ހަ ކުޅުންތެރިން ނުބައިވެގެން 185 ލަނޑުހަދާފައެވެ. ދެން ބާކީ އޮތް 30 ބޯޅައިން އެ ޓީމު ހަދަންޖެހެނީ 40 ލަނޑެވެ. ނަމަވެސް، އަފްގާނިސްތާނުގެ ރަޝީދު ޚާން ނުބައިވުމުން އިތުރު އުނދަގުލާއި ކުރިމަތިލާންޖެހުނުއިރު، އޭގެފަހުން އެ ޓީމަށް 25 ބޯޅައިން ހެދުނީ 23 ލަނޑެވެ. އެގޮތުން، މެޗުގެ އެންމެ ފަހު އޯވަރުގައި ޝާމީ ވަނީ ވިދިވިދިގެން ތިން ބޯޅައިން އަފްގާނިސްތާނުގެ ތިން ކުޅުންތެރިން ނުބައިކޮށްލުމަށްފަހު އިންޑިއާ އަށް މި މެޗު ކާމިޔާބުކޮށްދީފައެވެ. ޝާމީ އަކީ މިފަހަރުގެ މުބާރާތުގައި ހެޓްރިކް ފުރިހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި އިނިންގްސްގައި އަފްގާނިސްތާނުން ރަނގަޅަށް ކުޅުނީ 54 ލަނޑުހެދި ނާބީ އާއި 36 ލަނޑުހެދި ރަހްމަތު ޝާހެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކި ޝާމީ ހަތަރު ވިކެޓްނެގިއިރު ޖަސްޕްރީތު ބުމްރާ އާއި ޔުޒްވެންދަރް ޗަހާލް އަދި ހާރްދިކް ޕާންޑިޔާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ވެސްޓް އިންޑީޒް އަތުން ނިއު ޒީލެންޑް މޮޅުވީ ފަސް ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ އިނިންގްސްގައި ނިއު ޒީލެންޑުން އަށް ކުޅުންތެރިން ނުބައިވެގެން 291 ލަނޑުހެދިއެވެ. އެ ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން 148 ލަނޑުހެދިއިރު، ޖަވާބުގައި ކުޅެން އެރި ވެސްޓް އިންޑީޒަށް މެޗު ކާމިޔާބުކުރުމަށް ޓާގެޓެއްގެ ގޮތުގައި 12 ބޯޅައިން 8 ލަނޑުހަދަންޖެހިފައި އޮތް ނަމަވެސް، އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވީ ބާކީ އެއް އޯވަރު އޮއްވާ 286 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ކާލޮސް ބްރެއިތުވެއިޓް ވަނީ 82 ބޯޅައިން 101 ލަނޑުހަދާފައެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި، ޕާކިސްތާން ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *