މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕް އޭ ގެ ފަހު މެޗުގައި ޕެރޫ އަތުން ހޯދީ ބޮޑު މޮޅާއެކު ބްރެޒިލުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު ބްރެޒިލް ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއީ އެންމެފަހުން ކުޅެވުނު 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކަޓުވާލި ޕެރޫގެ މައްޗަށް ހޯދީ ރަނގަޅު ބަދަލުހިފުމެކެވެ. އެފަހަރު ޕެރޫ މޮޅުވީ 1-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު ބްރެޒިލް ވަނީ ހަތް ޕޮއިންޓާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުޞަތު ހޯދީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް ވެނެޒުއޭލާ އެވެ. އެ ޓީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ރޭ ބްރެޒިލް އަތުން ބަލިވި ޕެރޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް، އެ ޓީމަށް އަދި ކުއާޓާ އަށް ދިއުމުގެ ދޮރު ބަންދެއްނުވެއެވެ، އެގޮތުން، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުގެ ގޮތުގައި ހިމެނިގެން ޕެރޫ އަށް ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ.
ބްރެޒިލުން ރޭގެ މެޗަށް ނިކުތީ އެންމެފަހުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު ޓީޓޭ ވަނީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ޑޭވިޑް ނެރޭސް އާއި ރިޗާލިސަންގެ ބަދަލުގައި ގެބްރިއެލް ޖެސޫސް އާއި އެވަޓަން އަށް ފުރުޞަތުދީފައެވެ.
ސައޮ ޕައުލޯގެ ކޮރިންތިއަންސް އެރީނާގައި ކުޅުނު މެޗުގެ ކުރީކޮޅު ޕެރޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ބްރެޒިލްގެ ކަސެމީރޯ ކާމިޔާބުކުރި ގޯލާއެކު ޕެރޫގެ ކުޅުން ވަރަށް ބޮޑުތަން ދަށްވިއެވެ. އޭގެނަތީޖާއެއްގެ ގޮތުން، ހަތް މިނެޓުފަހުން ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެއްސޭ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި ރޮބާޓޯ ފިރްމީނޯ ވަނީ ބްރެޒިލްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ގްރެމިއޯގެ ފޯވާޑް އެވަޓަން، ޕެނަލްޓީއޭރިޔާ ބޭރުން ކާމިޔާބުކުރި ހިތްގައިމު ގޯލާއެކު ބްރެޒިލުން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ އަށްވަނަ މިނެޓުގައި، ރީތި އަވަސްކުޅުމަކަށްފަހު ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު އަލްވޭސް ވެފައިވަނީ ވޭތުވެދިޔަ 96 އަހަރުގެ ތެރޭގައި ކޮޕާ އެމެރިކާގެ ތާރީޚުގައި ބްރެޒިލަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އޭނާ މި ލަނޑުޖެހިއިރު އުމުރަކީ 36 އަހަރާއި 47 ދުވަހެވެ.
ބްރެޒިލްގެ ފަހު ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިލިއަން އެވެ. ނޭމާ އަށް އަނިޔާވުމުން ބަދަލުގައި ޓީމަށް ގެނައި ވިލިއަން މި ގޯލް ކާމިޔާބުކުރީ، ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެންނެވެ. މެޗުގެ އިތުރުވަގުތުގައި، ބްރެޒިލްގެ ޖެސޫސް އަށް ޕެރޫގެ ކީޕަރު ގަލެއްސޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ޖެސޫސް ފޮނުވާލި ބޯޅަ ޕެރޫގެ ކީޕަރު ގަލެއްސޭ ވަނީ މަތަކޮށްފައެވެ.
2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަށް ފަހު، އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބްރެޒިލް އެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރިއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކަސެމީރޯ އަށް ދެއްކި ރީނދޫކާޑާއެކު މިހާތަނަށް ދެ ކާޑު ހަމަވުމުން، އޭނާ އަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެއެވެ.
މި ގްރޫޕުގައި ރޭ ކުޅެވުނު އަނެއް މެޗުގައި، ވެނެޒުއޭލާ ވަނީ 3-1 އިން ބޮލީވިއާ އަތުން މޮޅުވެ، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރުން ޖާގަ ހޯދާފައެވެ. ރޭގެ މެޗުގައި ވެނެޒުއޭލާ އަށް ދެލަނޑުޖަހައިދިން ޑާވިން މާޗިސް އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލަކީ މިގަރުނުގައި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޖެހި އެންމެ އަވަސް ލަނޑެވެ. އޭނާ މި ލަނޑުޖެހީ، މެޗު ފެށިގެން 1 މިނެޓާއި 15 ސިކުންތުގެ ތެރޭގައެވެ. އެ ޓީމުގެ އަނެއް ލަނޑު، ޖޯސެފް މާޓިނޭޒް ޖަހައިދިންއިރު، ބޮލީވިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖަސްޓިނިއާނޯ އަރައުޒް އެވެ.
ކުއާޓާގައި ބްރެޒިލް ކުޅެން ޖެހޭނީ ގްރޫޕް ތަކުން ތިންވަނަ އަށްދާ ޓީމުތަކުގެ ތެރެއިން ރޭންކިންގ އަށް ބެލުމަށް ފަހު ގްރޫޕް ބީ ނުވަތަ ސީ އިން އަންނަ ޓީމަކާ އެވެ. އެގޮތުން، ފަހަރުގައި ވާދަވެރި އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ގަތަރާއި ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، ހަމަ އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ކޮލަމްބިއާ ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 00:00 ގައެވެ.