އަސަރުގަދަ ލޯބީގެ ފިލްމުތައް ގެނެސް ދޭން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަނެއްކާ ވެސް ވަރަށް ހާއްސަ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އޭނާގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމުގެ ނަމަކީ "ސޮރީ" އެވެ.
"ސޮރީ" ކާސްޓުންގެ ތެރޭގައި ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ފަންނާނުން ހިމެނެއެވެ. އެގޮތުން މަރިޔަމް އައްޒަ އާއި ޔޫސުފް (ޔޫއްޕެ) ޝަފީއު ހިމެނެއެވެ. އަދި އެ ފިލްމުގައި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ އެވެ.
ނަހުލާ ބުނީ "ސޮރީ"ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ޖުމްލަ ހަތް ލަވަ "ސޮރީ"ގައި ހިމެނޭއިރު، އެ ފިލްމުގެ މަންޒަރުތައް ނަގާނީ ވެރިރަށް މާލޭގެ އިތުރުން ރާއްޖެ އެހެން ރަށެއްގައެވެ.
ނަހުލާ ބުނީ "ސޮރީ" އަކީ އަސަރުން ފުރިގެންވާ އިބުރަތްތެރި އާއިލީ ފިލްމެއްްކަމަށެވެ.
"ސޮރީ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ނަހުލާގެ ޑައިރެކްޝަނަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ފިލްމަކީ އަހުމަދު ޝީނާންއާ ގުޅިގެން 2016 ގައި ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ. އެ ފިލްމަށްވެސް ގިނަ ބައެއްގެ މަޤޫބޫލުކަން ލިބުނެވެ.