އިމާދުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ޕީޓީއޭ ފުޓްސެލް އަދި ހޭންޑްބޯލް މުބާރާތް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
ދެ މުބާރާތުގެ ފައިނަލްގެ މެޗުތައް ކުޅެފައިވަނީ އިއްޔެ ހަވީރުއެވެ.
ފުޓްސެލް މުބާރާތުގައި ނުވަ ޓީމެއް ވާދަކުރި އިރު، އަންހެނުންގެ ހޭންޑް ބޯލް މުބާރާތުގައި ވާދަކޮށްފައިވަނީ ހަ ޓީމެވެ.
ފުޓްސެލްގެ ފައިނަލްގައި ވާދަކޮށްފައިވަނީ ގްރޭޑް ފަހެއްގެ ފިރިހެން ބެލެނިވެރިންނާއި، ގްރޭޑް ދޭއްގެ ބެލެނިވެރިންނެވެ. ފައިނަލް މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ގްރޭޑް ފަހެއްގެ ބެލެނިވެރިންނެވެ.
ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗުގައި ޓީޗަރުންގެ ޓީމުން ވަނީ ގްރޭޑް ހަތަރެއްގެ ބެލެނިވެރިންގެ މައްޗަށް ކުރި ހޯދައިފައެވެ.
މި މުބާރާތްތަކަކީ އެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުދަގަކޮށް އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވިގެން ދިޔަ މުބާރާތްތަކެކެވެ.
މި މުބާރާތްތަކުގެ ސްޕޮންސަރުންނަކީ، ޖަޒީރާ ނިއުސް، އެން ޕްލަސް، ވާދީ ޓްރޭޑާސް، ޓިޕްކޯ އަދި ވިނަ މިލްކްގެ އިތުރުން ޑެލިޝް ރެސްޓޯރެންޓެވެ.