ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓްގައި ބައިވެރިވުމަށް އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޞަބާހް ވިދާޅުވީ ލެގަސީ އިވެންޓަށް ޝައިޚް މަކާރިޘީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ލެގަސީ އިވެންޓްުގައި ޝައިޚް މަކާރިޘީ ތަޤްރީރުކުރައްވާނީ ޖުލައިމަހުގެ 5 ވަނަ ދުވަހުގެރޭ ކަމަށް ޞަބާހް ފާހަގަކުރެއްވިއެވެ.
އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށްދާ މިއިވެންޓްގައި ޝައިޚް މަކާރިޘީ ތަޤްރީރުކުރައްވާނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށެވެ.
ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓަކީ ރާއްޖެއިން ބޭރުގެ ޢިލްމުވެރިން ރާއްޖެ ވަޑައިގެން ތަޤްރީރުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިޚް ހުސައިން ޔީ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަޤްރީރު ކުރައްވާފައެވެ.