ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހެދުމަށް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އެ މި މަޝްރޫއުގެ ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ހޮވާ ފާމަކުން ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނަލައިޒް ކުރުމުގެ އިތުރުން ޕްރޮޖެކްޓު އެކުލަވާލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އަދި ދިވެހި ސަރުކާރުން ބޭނުންވަނީ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމުތަކުން ރާއްޖޭގެ ކޮންސަލްޓެންސީ ފާމްތަކާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުން ކަމަށާއި، ޕްރޮޕޯސަލް ހުށަހަޅާނީ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)އާ އެއްގޮތް ވާގޮތުގެ މަތިން ކަމަށްވެސް އިއުލާނުގައިވެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 21، އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީގެ މަސައްކަތް ކުރަން ފާމެއް ހޮވާނީ ޕްރޮޕޯސަލުގެ އަގާއި ފެންވަރަށް ބެލުމަށް ފަހުގައި ކަމަށާއި އެ މަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީގެ ވެބްސައިޓުން މާދަމާއިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.