އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ރޭ ޒިމްބާބުވޭ އަތުން 1-0 އިން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރު މޮޅުވެއްޖެއެވެ.
ގާހިރާގެ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިސްރުގެ ހަމައެކަނި ލަނޑު، ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް މަހްމޫދު ޓްރެޒެގޭ އެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ތިން މިނެޓުގެ ތެރޭގައި، މިސްރުގެ ކުޅުންތެރިން ވަނީ ޒިމްބާބުވޭގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފައެވެ. މި ދެ ހަމަލާވެސް ޒިމްބާބުވޭގެ ގޯލްކީޕަރު އެޑްމޯ ސިބަންޑާ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، އެ ޓީމުގެ އަބްދުﷲ އެލް ސައީދު އާއި މުހައްމަދު ސަލާހަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނުއިރު، ޒިމްބާބުވޭ އަށް ލިބުނު ހިލޭޖެހުމަކުން އެ ޓީމު ލީޑް ނުނެގީ ހަމަ ކިރިޔާ އެވެ. އެ ބޯޅަ މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެންނާވީ މަތަކުރިއެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް، މިސްރުގެ ލީޑް ފުޅާކުރުމަށް ލިވަޕޫލްގެ ސަލާހަށް ލިބުނު ފުރުސަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި ޒިމްބާބުވޭ އަށް ނަތީޖާ އެއްވަރުކުރަން ލިބުނު ފުރުޞަތުގައި އޮވިޑީ ކަރާރޫ ފޮނުވާލި ބާރު ހަމަލާ، މިސްރުގެ ކީޕަރު އެލް ޝެންނާވީ މަތަކުރިއެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި، މިސްރު އަދި ޒިމްބާބުވޭ ހިމެނޭ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ޔުގެންޑާ އެވެ.