މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން ބަލިވެ މުބާރާތް ބާއްވާ ގައުމު އިންގްލެންޑަށް ތާވަލްގެ އެއްވަނަ އަށް އަރަން ލިބުނު ފުރުޞަތު ގެއްލިއްޖެއެވެ. ލަންކާ އިން މި މެޗު ކާމިޔާބުކުރީ 20 ލަނޑުންނެވެ.
ރޭގެ ނަތީޖާއާއެކު ލަންކާ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ހޯދީ ހަ ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ. މި މެޗުން ބަލިވި އިންގްލެންޑަށް 8 ޕޮއިންޓް ލިބިފައިވާއިރު އޮތީ ތިންވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އޮސްޓްރޭލިއާ އަށް ދިހަ ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނިއު ޒީލެންޑަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އިންޑިއާ އެވެ. މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ސެމީ ފައިނަލުން ފުރުޞަތު ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވުމުން ލަންކާ އިން ގަސްދުކުރީ ބެޓްކުރާށެވެ. އެ ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 232 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު އެންޖެލޯ މެތިއުސް ނުބައިނުވެ 85 ލަނޑުހެދިއިރު، 39 ބޯޅައިން 49 ލަނޑުހެދި އަވިޝްކާ ފެނާންޑޯގެ ކުޅުން ފާހަގަކޮށްލެވުނެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ޖޮފްރޭ އާޗަރ އާއި މާކް ވުޑް ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެންއެރި އިންގްލެންޑަށް 47 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 212 ލަނޑެވެ. އެ ޓީމުގެ ބެން ސްޓޯކްސް ނުބައިނުވެ 89 ބޯޅައިން 82 ލަނޑުހެދިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 57 ލަނޑުހެދި ޖޯ ރޫޓް އެވެ. މި އިނިންގްސްގައި ލަންކާ އިން އެންމެ ރަނގަޅަށް އުކީ 10 އޯވަރުގެ ތެރޭގައި 43 ލަނޑަށް ހަތަރު ވިކެޓްނެގި މަލިންގާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާ އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް އިންޑިއާ ނިކުންނައިރު، ފަހު މެޗުގައި ނިއު ޒީލެންޑް ނިކުންނާނީ ވެސްޓް އިންޑީޒްއާ ދެކޮޅަށެވެ.