މަންދީރަ ބޮޑުބެރު ގްރޫޕުގެ ދުވަސްވީ ތިން މެންބަރުން ކަމަށްވާ އަހުމަދު ވަލީދު (ފިއްޓެ)، އަބްދުﷲ މުރުޝިދު (ލާރާ) އަދި ނައުޝާދު ލަތީފް (ޒަރޭ) އެ ގްރޫޕުން ވަކިވިޔަސް ގުރޫޕުގެ އެއްވެސް ކަމެއް ހުއްޓުމަކަށް ނާންނާނެ ކަމަށާއި، މަންދީރަ ގްރޫޕު ދާނީ ކުރިއަށް ކަމަށް އެ ގްރޫޕުގެ މެނޭޖަރ ސާމީ އަހުމަދު ބުނެފިއެެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން މަންދީރަ ބޮޑުބެރު ގްރޫޕުގެ މެނޭޖަރު ކަމަށް އަލަށް އިންތިހާބު ކުރި ސާމީ ބުނީ، ފިއްޓެ، ޒަރޭ އަދި ލާރާ އެ ގްރޫޕު ދޫކޮށް ދިޔައީ މެނޭޖުމެންޓު ބަދަލުކުރަން ނެގި ވޯޓަށް ފަހުގައި ކަމަށެވެ.
އަދި އެ ތިން ފަންނާނުން ދިޔަސް މަންދީރަ ކުރިއެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށްވެސް ސާމީ ބުންޏެވެ.
"ބަޔަކު ނުކުމެގެން ދިޔަސް މަންދީރައަށް ކުޑަވެސް ފަނޑުކަމެއް ނާންނާނެ. އިރާދަކުރެއްވިއްޔާ މަންދީރަ ދާނީ ކުރިއަށް" ސާމީ ބުންޏެވެ.
ސާމީ ބުނީ މަންދީރައިގެ އަމާޒަކީ ބޮޑުބެރުގެ ދުނިޔޭގައި އަބަދުވެސް އެންމެ ކުރީގައި ފައިތިލަ ސާބިތުކުރުން ކަމަށެވެ.