ސްޕެއިނާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ފޯވާޑް ފެނާންޑޯ ޓޮރޭޒް، 18 އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ކުރީން ލިވަޕޫލްއާ ޗެލްސީ އަށް ކުޅުނު އުމުރުން 35 އަހަރުގެ ޓޮރޭޒް މިހާރު ކުޅެމުން އަންނަނީ ޖަޕާނުގެ ޖޭ 1 ލީގުގެ ސަގަން ޓޮސޫ އަށެވެ.

އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 110 މެޗުގައި 38 ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން ޔޫރޯ 2012 އާއި 2008 ވަނަ އަހަރުގެ ފައިނަލްގައި ގޯލެއް ކާމިޔާބުކޮށްފައެވެ. އެގޮތުން، އެ ޓީމާއެކު އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުމުގެ އިތުރުން ބޮޑު ހަ މުބާރާތެއްގައި ކުޅެފައެވެ.

"18 އަހަރަށްފަހު މިއީ އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލަންވީ ވަގުތުކަަމަށް ދެކެނީ." ސޯޝަލް މީޑިއާގައި ޓޮރޭޒް ބުނެފައިވެއެވެ.

ޓޮރޭޒްގެ ނިންމުމާއި ގުޅޭގޮތުން، އިތުރު ތަފްސީލް އަންނަ އާދީއްތަ ދުވަހު ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއުސް ކޮންފަރެންސްގައި ދޭނެކަމަށް އޭނާ ބުންޏެވެ.

އޭނާގެ ކެރިއަރު ފެށި އެތުލެޓިކޯ މެޑްރިޑުން 2007 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ 20 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. އެ ޓީމުގައި ހޭދަކުރީ ހަތަރު ސީޒަނުގައި އޭނާ ވަނީ 142 މެޗުގައި 81 ލަނޑުޖަހާފައެވެ. އޭގެފަހުން، 2011 ވަނަ އަހަރު އޭރުގެ އިނގިރޭސިވިލާތުގެ ރެކޯޑް ޓްރާންސްފާ ފީ އެއް ކަމަށްވާ 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވިއެވެ. ލިވަޕޫލްގައި ދެއްކި މޮޅު ކުޅުން ޗެލްސީގައި އޭނާ އަށް ތަކުރާރުނުކުރެވުނު ނަމަވެސް އެ ޓީމާއެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއެވެ.

މީގެއިތުރުން، އޭނާ ވަނީ ޗެލްސީއާއެކު އެފްއޭކަޕް މުބާރާތާއި ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އެގޮތުން، ޔުރޮޕާ ލީގުގެ ފައިނަލްގައި 2-1 އިން ބެންފީކާ އަތުން މޮޅުވިއިރު އެ މެޗުގައި ގޯލެއް ކާމިޔާބުކޮށްފައިވެއެވެ. ޓޮރޭޒް ވަނީ ޗެލްސީ އަށް ކުޅެދިން 172 މެޗުގައި 45 ގޯލް ޖަހައިދީފައެވެ. އޭގެފަހުން، ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ހަތަރު މަސްދުވަހު ކުޅުމަށްފަހު އެނބުރި އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ.

އެތުލެޓިކޯ އަށް ބަދަލުވެ 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވިއިރު 2018 ވަނަ އަހަރުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *