ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިހް ސަމީރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޯގާއަކީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ. އަދި އެއީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން އިރު ކަލާނގެ އާއި ގުޅޭ އަޅުކަމެއް ކަމަށެވެ.
ޝައިހް ސަމީރު ވިދާޅުވީ، ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އަށް ޝަރީކުކުރުން ކަމަށެވެ. އަދި ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާއި ދުރުވާން ޖެހޭ ފާފަކަމުގައި ޝައިހް ވަނީ ވިދާޅުވެފައެވެ.
ޝައިހް ޝަމީރު އިތުރަށް ވިދާޅުވީ، މުސްލިމުންގެ ތެރެެއަށް ޔޯގާ ފާޅުވި ހިސާބުން ފެށިގެން އެކި ގައުމުތަކުގެ އިލްމުވެރިން ވަނީ އެކަމުގައި ބައިވެރިވުން ހުއްދަވެގެން ނުވާ ކަން ބަޔާންކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން ޝައިހް ވިދާޅުވީ، ޔޯގާގެ އަސްލާއި ގުޅުމެއްނެތް މުޅިން ތަފާތު އެހެން ކަސްރަތުތަކެއް އަޅުކަމުގެ ރޫހާނީ ވައްޓަފާޅިއެއް ނެތި ކުރުމަކީ ޔޯގާއެއް ނޫން ކަމަށެވެ.