އިލްމު އުނގެނުމަށް ހޭދަކުރާ ވަގުތަކީ އެންމެ އަގުބޮޑު ވަގުތު ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިލްމު އުނގެނުމުގެ މާތްކަން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަދައްކާފައިވާއިރު، ހުތުބާގައި ބުނީ މާތްވެގެންވާ އިސްލާމްދީނަކީ އިލްމު އުނގެނުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ދީނެއް ކަމަށެވެ.
އަދި އެމީހެއްގެ އުމުރުން ހޭދަވާ ކޮންމެ ދުވަހަކީވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށް އަލްއިމާމު ޝާފިއީ ރަހިމަހުﷲ ވިދާޅުވެފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
""އެމީހަކު އިލްމު އުނގެނުމަށްޓަކައި ހޭދަކުރާ ވަގުތުކޮޅަކީ އެއީ އޭނާއަށް ލިބޭ އެންމެ އަގުބޮޑު ވަގުތުކޮޅެވެ!" ސަބަަބަކީ އިލްމު އުނގެނުމުގައި އެމީހެއްގެ ނަފްސު ސަލާމަތްކުރުމާއި، އެހެންމީހުން ރައްކާތެރިކުރުންވެސް އެކަމުގައި އެކުލެވިގެންވާތީއެވެ."
މީގެ އިތުރުން އިލްމުވެރިންގެ ދަރަޖަ އުފުއްލަވާނެ ކަމަށް ﷲ ވަހީކުރައްވާފައިވެއެވެ.
މިކަން ބަޔާންކުރައްވާ މާތްﷲ ކީރިތި ޤުރުޢާނުގައި ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ހުތުބާގައި ބުނީ އިލްމު އުނގެނު އިލްމާ އެއްގޮތައް އަމަލުކުރާ މީހުންނަކީ މާތް ﷲއަށް އެންމެ ބޮޑަށް ބިރުވެރިވާ މީހުންކަމަށެވެ.
މާތްﷲ ޤުރުޢާނުގައި ވަހީ ކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައި މީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅައް ދެނެވޮޑިގެންވާ، ހަބީރުވަންތަ ރަސްކަލާނގެއެވެ"
އަދި ޢިލްމުވެރިންނަށް ހާއްސަ ކަންތައްތަކެއް މާތް ﷲ ދެއްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ އާލާމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް އިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުޢާ ކުރުން ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ އިލްމާ އެއްގޮތައް އަމަލުކުރާ އިލްމުވެރިންނާއި އަޅުވެރިންނާ ވެސް ދަރަޖައިގެ ގޮތުން ވަރަށް ބޮޑަށް ތަފާތުވެގެންވާ ކަމަށެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެންވާ މިންވަރީ ތިޔަބޭކަލުން ކުރެ އެންމެ އާދައިގެ ބޭކަލެއްގެ މައްޗަށް ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މާތްކަމެވެ."
ހުތުބާ ނިންމާލަމުން ވަނީ އިލްމު އުނގެނި، އެއިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވަސިއްޔަތް ކޮށްފައެވެ.