ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގައި ޖަޕާނުން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ އުރުގުއޭ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ގްރޫޕު ސީ ގެ އެއްވަނައިގައި އަދިވެސް އުޅެނީ ހަތަރު ޕޮއިންޓާއެކު އުރުގުއޭ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ޗިލީ އޮތްއިރު ރޭގެ މެޗުން އުރުގުއޭ އަތުން ހޯދީ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޖަޕާނެވެ. އެންމެ ފުލުގައި އުޅޭ އިކުއޭޑޯ އަށް އަދި ޕޮއިންޓެއްނުލިބެއެވެ.
އުރުގުއޭ އިން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިކުއޭޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މިޑްފީލްޑަރު މަޓިއަސް ވެސީނޯ އަށް ދެން މި މުބާރާތުގައި ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ލޫކަސް ޓޮރޭރާ އެވެ.
ޖަޕާނުން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ޗިލީ އަތުން 4-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ކެއިސޫކޯ އޮސާކޯގެ ބަދަލުގައި ރޭގެ މެޗުގައި ކުޅުނީ އެއިޖީ ކަވަޝީމާ އެވެ. މީގެއިތުރުން، ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވާޑްލައިންގައި، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ތިން ކުޅުންތެރިންގެ ބަދަލުގައި ކޯޖީ މިޔޯޝީ އާއި ހިރޯކީ އަބޭ އަދި ޝިންޖީ އޮކަޒާކީ އަށް މި މެޗުން ފުރުޞަތުދީފައިވެއެވެ.
ޕޯޓޮ އަލެގްރޭގެ އެރީނާ ޑޮ ގްރެމިއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އުރުގުއޭ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ކުރީން ލީޑްނެގީ ޖަޕާނެވެ. އެ ޓީމުގެ ގާކޫ ޝިބަސާކީ ދިން ބޯޅައަކުން ވަރަށް ހަނި އޭންގަލަކުން މިލަނޑުޖަހައިދިނީ ކޯޖީ މިޔޯޝީ އެވެ.
ޖަޕާނުގެ ގޯލްގެ ކުރީން، އުރުގުއޭގެ ލުއިސް ސުއަރޭޒަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި ސުއަރޭޒް ބޮލުން ފޮނުވާލި ބޯޅަ ޖަޕާނުގެ ކީޕަރު ކަވަޝީމާ މަތަކުރިއެވެ.
އުރުގުއޭ އަށް އެއްވަރުކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް އެވެ. މިއީ އެ ޓީމުގެ އެޑިންސަން ކަވާނީ އަށް ޖަޕާނުގެ ނައޮމީޗީ ޔުއެޑާ ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، އުރުގުއޭ އަށް ލީޑްނަގައިދިނުމަށް ހޯސޭ ގިމެނޭޒް އާއި ކަވާނީ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖަޕާނުގެ ކީޕަރު ކަވަޝީމާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން، އުރުގުއޭގެ ސުއަރޭޒް އާއި ކަވާނީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 59 ވަނަ މިނެޓުގައި މިޔޯޝީ އަނެއްކާވެސް ޖަޕާނަށް ލީޑްނަގައިދިނުމެވެ. އޭގެ ހަތް މިނެޓުފަހުން، އުރުގުއޭ އަށް ދެވަނަ ފަހަރަށް މި މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނީ ގިމެނޭޒް އެވެ. މިއީ އެ ޓީމުގެ ނިކޮލަސް ލޮޑެއިރޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އުރުގުއޭގެ ދެވަނަ ލަނޑަށްފަހު، އެ ޓީމު މޮޅުކޮށްދިނުމަށް ޖިއޯޖިއަން އަރަސްކައޭޓާ އާއި ޑިއޭގޯ ގޮޑިން އަދި ސުއަރޭޒްގެ އިތުރުން ގިމެނޭޒް އަށް ވަނީ ރަނގަޅު ފުރުޞަތުތައްލިބި ބޭކާރުވެފައެވެ. އެގޮތުން، ސުއަރޭޒް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު އެ ޓީމުގެ ދެ ޑިފެންޑަރުންކަމަށްވާ ގޮޑިން އާއި ގިމެނޭޒް ބޮލުން ފޮނުވާލި ހަމަލާތައް ހުއްޓުވީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި ކަވަޝީމާ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ ނިކުންނާނީ އިކުއޭޑޯއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ފަތިހު 04:00 ގައެވެ.