ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯރޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުންކަމަށާއި، ނަމަވެސް މިހާރުވާނީ އެ އުޞޫލު ބަދަލުކުރައްވާފައި ކަމުގައެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.