ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރީން އެމެރިކާގެ މޭޖާ ލީގް ސޮކާގައި ކުޅެން ޝައުގުވެރިވާކަމަށް ބުނެފައެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީން ނިމިދިޔަ ސީޒަނުގައި ފްރެންޗް ލީގު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމަށް އެ މުބާރާތުގައި ކުޅެދިން 29 މެޗުގައި 33 ގޯލް ޖަހާފައެވެ.

"ފުޓްބޯޅައިގައި ފަހުން ވާނެ ގޮތެއް ނޭނގޭނެ." އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުންޏެވެ.

"ދުނިޔޭގެ ހައިބަތުހުރި މޮޅު ގިނަ ކުޅުންތެރިންގެ ކެރިއަރު ނިންމާލުމުގެކުރީން އެމެރިކާގެ ޓީމުތަކަށް ކުޅޭ. ސްޓީވެން ޖެރާޑް އާއި ފްރޭންކް ލަމްޕާޑް އަދި އަންދްރެއާ ޕިރްލޯ ވެސް އެ ލީގުގެ ކުޅެފި. މިހާރު ޒްލާޓަން (އިބްރާހިމޮވިޗް) ވެސް ކުޅެމުން އެދަނީ އެމްއެލްއެސްގައި. އަހަރެންވެސް ކެރިއަރު ނިންމާލުމުގެ ކުރީން އެ ގައުމުގައި ކުޅެން ވިސްނަން." އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކްލަބާއެކު އޭނާ ހޭދަކުރި ދެވަނަ ސީޒަން ނިންމާލުމަށްފަހު އެމްބާޕޭ ވަނީ އިތުރު ޒިންމާތައް ނަގަން ބޭނުންވާކަމަށް ބުނެފައެވެ. 

މިކަމަށް އިޝާރާތްކޮށް އެ ކްލަބުގެ ރައީސް އަދި ޗެއާމަން ނަސީރު އަލް-ޚެއްލާފީ ވިދާޅުވީ އަމިއްލަ ކެރިއަރު ބިނާކުރުމަށްޓަކައި އެމްބާޕޭ، ޕީއެސްޖީގެ ޕްރޮޖެކްޓްގައި ވަރަށް ބޮޑަށް ބައިވެރިވާން ބޭނުންވާކަމަށެވެ.

ސްޕެއިނުގެ ރެއާލްް މެޑްރިޑުން އެމްބާޕޭ ގެންދިއުމަށް އެކި ފަހަރުމަތީން ޝައުގުވެރިކަން ފާޅުކޮށްފައިވީނަމަވެސް، ކުރިއަށް އޮތް ސީޒަނުގައިވެސް ޕީއެސްޖީގައި އޭނާ މަޑުކުރާނެކަމުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތްކަމަށްވެސް އަލް-ޚެއްލާފީ ބުންޏެވެ.

ރަޝިޔާގައި މިދިޔަ އަހަރު ކުޅެވުނު ފީފާ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އެމްބާޕޭ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 33 މެޗުގައި 13 ގޯލް ކާމިޔާބުކޮށްފައެވެ.

ނަމަވެސް، ކޮމްޕިއުޓާ ގޭމް ކުޅޭއިރު އެމްބާޕޭ ނަގަނީ ޕީއެސްޖީއެއް ނޫނެވެ. އީއޭސްޕޯޓްސްފީފާ އިން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މިހާރު އަބަދުވެސް ނަގަނީ ލިވަޕޫލްކަމަށެވެ. އެއީ ޔޫރަޕްގެ ޗެމްޕިއަނުންކަމަށްވާތީވެކަމަށެވެ. މީގެއިތުރުން، އޭނާ ވަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ތައުރީފުވެސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *