ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާއާ ޕެރަގުއޭ 1-1 އިން އެއްވަރުވިއިރު އެ ގްރޫޕުގައި ހިމެނޭ ކޮލަމްބިއާ ވަނީ 1-0 އިން ގަތަރު ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
ރޭގެ ނަތީޖާއާއެކު ކުއާޓާ އަށް ދަތުރުކުރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ އާޖެންޓީނާ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕް ބީ ގެ އެންމެ ފުލުގައެވެ. މިއަދަދަށް ގަތަރަށްވެސް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި އުޅެނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، ޖުމްލަ ހަ ޕޮއިންޓާއެކު ކޮލަމްބިއާ އެވެ. ދެވަނައިގައި އޮތީ ދެ ޕޮއިންޓާއެކު ޕެރަގުއޭ އެވެ.
އާޖެންޓީނާ އަށް މެޗުން މޮޅުވެގެން ކުއާޓާ އިން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. މި ގްރޫޕުގައި ދެން ހިމެނޭ ކޮލަމްބިއާ އަތުން ޕެރަގުއޭ މޮޅުނުވެއްޖެނަމަ ދެވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ އަނެއް ބުރަށް ދަތުރުކުރާނެއެވެ. މީގެއިތުރުން، އާޖެންޓީނާ މޮޅުވެ، ޕެރަގުއޭ މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް، ގްރޫޕްތަކުގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ކުރި ލިބިގެންވެސް އެ ޓީމަށް ކުއާޓާ އިން ޖާގަ ލިބުމުގެ ފުރުޞަތު އެބައޮތެވެ. އެހެންނަމަވެސް، ފަހު މެޗުގައި ގަތަރު އަތުން ބަލިވެއްޖެނަމަ އާޖެންޓީނާ އަށް މި މުބާރާތުގައި ދެން އިތުރަށް ކުރިއަށްދިއުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ރޭގެ މެޗަށް އާޖެންޓީނާ ނިކުތީ އެންމެފަހުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ އެންހެލް ޑި މާރިއާ އާއި ސާޖިއޯ އަގުއޭރޯ އަދި ގުއިޑޯ ރޮޑްރިގޭޒްގެ އިތުރުން ރެންޒޯ ސަރާވިއާގެ ބަދަލުގައި ރޮޑްރިގޯ ޑެ ޕައުލް، ލޮޓާރޯ މާޓިނޭޒް އާއި ރޮބާޓޯ ޕެރޭރާ އަދި މިލްޓަން ކަސްކޯ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.
ގިނަ ބަދަލުތަކާއެކު ކުޅެން ނިކުމެ، ކުރީ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައިވެސް އާޖެންޓީނާ އަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ. މި ހާފުގައި އެ ޓީމަށް ލިބުނު ހަމައެކަނި ފުރުޞަތުގައި ކެޕްޓަން ލިއޮނަލް މެސީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޕެރަގުއޭގެ ގޯލްކީޕަރު ރޮބާޓޯ ފެނާންޑޭޒް މަތަކުރިއެވެ.
އާޖެންޓީނާއަށް ލިބުނު މި ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް ޕެރަގުއޭ އިން ލީޑުނެގިއެވެ. އެ ޓީމުގެ ވާތްފަރާތަށް ކުޅޭ ނިއުކާސަލް ޔުނައިޓެޑްގެ މިގުއެލް އަލްމިރޯން ނަގައިދިން ހުރަހަކުން މިލަނޑުޖަހައިދިނީ ރިޗާޑް ސަންޗޭޒް އެވެ.
ދެވަނަ ހާފަށް އާޖެންޓީނާ ނިކުތްއިރު ކޯޗު ސްކަލޯނީ ވަނީ ވަޓްފޯޑަށް ކުޅެމުން އަންނަ ޕެރޭރާގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ އިތުބާރު ފޯވާޑް އަގުއޭރޯ ކުޅެން ނެރެފައެވެ. އެއާއެކު، އާޖެންޓީނާގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވިއެވެ. އެގޮތުން، އެ ޓީމުގެ މާޓިނޭޒްއަށް އަގުއޭރޯ ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. އޭގެފަހުން، ރީބައުންޑް ބޯޅަ މެސީ ފޮނުވާލުމުން ޕެރަގުއޭގެ ކީޕަރު ފެނާންޑޭޒް މަތަކުރިއެވެ. މި މި ހަމަލާއަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން ރެފްރީ އަށް އެޕީލްކުރުމުން ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ޕެނަލްޓީއެއް ދީފައެވެ.
އެއީ އާޖެންޓީނާގެ މާޓިނޭޒް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައިޖެހުމުގެ ކުރީން ޕެރަގުއޭގެ އިވާން ޕިރިސްގެ އަތުގައިޖެހުމުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި މި ޕެނަލްޓީ ވައްދާލައި އާޖެންޓީނާ އިން މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ.
އޭގެ ހަ މިނެޓުފަހުން، ޕެރަގުއޭއަށް މި މެޗުން މޮޅުވުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެ ޓީމުގެ ޑާލިސް ގޮންޒާލެޒް އަށް އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ، ގޮންޒާލެޒް ފޮނުވާލުމުން އާޖެންޓީނާގެ ގޯލްކީޕަރު ފްރޭންކޯ އަރްމާނީ މަތަކުރިއެވެ. އޭގެފަހުން، ޕެރަގުއޭގެ މަޓިއަސް ރޯހާސް ފޮނުވާލި ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ އާޖެންޓީނާގެ ކީޕަރު އަރްމާނީ މަތަކުރިއިރު އަނެއް ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ކޮލަމްބިއާ ވަނީ ގަތަރު އަތުން 1-0 އިން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑުވާން ޒަޕާޓާ އެވެ. އޭނާ ވަނީ އެ ޓީމު އެންމެފަހުން ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެ އާޖެންޓީނާ ކޮޅަށްވެސް ގޯލެއް ޖަހާފައެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި، ރާއްޖޭގަޑިން ފަތިހު 04:00 ގައި ބައްދަލުކުރާނީ އުރުގުއޭއާ ޖަޕާން އެވެ.