ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް މާކެޓީންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ އެކި ފަހަރު މަތިން ހޯދާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.
މިހާރު ދަރުބާރުގޭގައި އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ދާ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގެ ތަހުގީގުގައި މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަންގެ ރިޔާސަތުންނެވެ. އަދި އެކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޖޭއެސްސީއަށް ލިބުނު ސިޓީއަކާއި ގުޅިގެން ޖޭއޭސްސީގެ އަމިއްލަ އިސްނެގުމަށް ބަަލަމުންދާ މައްސަލައެއް ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސިޓީގައިވާ އިބާރާތްތައް ޖޭއެސްސީގެ މެންބަރު ހިސާން ހުސައިން ވަނީ އިއްވަވާފައެވެ. އެ ސިޓީގައިވާ ގޮތުން، ފުލުހުން ކުރަމުންދާ ތަހުގީގުގައި، ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައިގެން، އެކި ފަހަރުމަތިން އެ ފައިސާ ޢަބްދުﷲ ދީދީ ނަންގަވާފައިވާ ކަމަށެވެ. އަދި އެކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާކަމަށްވެސް ފުލުހުންގެ ސިޓީގައިވެއެވެ.
ފުލުހުންގެ ދެވަނަ ސިޓީގައިވަނީ، ވަނީ ސަސްޕެކްޓް 1 އާއި ފަނޑީޔާރު ދީދީއާއި ވަރަށް ގާތް ގުޅުމެއް އޮންނަކަން ފުލުހުންގެ ތަހުގީގަށް އެނިގިފައިވާކަމަށާއި، ފަނޑިޔާރު ދީދީ އެކި ފަހަރުމަތިން ސަސްޕެކްޓް އެކެއް މެދުވެރިކޮށް ފައިސާ ހޯދާފައިވާކަމަށް ހާމަކޮށްފައެވެ.
ފަނޑިޔާރު ދީދީވެސް އަދި ވަކީލުވެސް ބޮޑަށް ފާހަގަކުރަމުންދަނީ މި މައްސަލަ ހިނގަމުންދަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ކަމަށެވެ. އަދި ޖަވާބު ދާރީވާން ވަގުތު ދެއްވަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.
ދެފަރާތުގެ މެދުގައިވެސް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުވަމުން ދާއިރު، ޖޭއެސްސީގެ ފަރާތުންވަނީ، މި މައްސަަލައާއި ގުޅިގެން ހިންގާ ތަހުގީގުގައި، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރި މައުލޫއަށް ވާހަކަ ނުދެއްކޭނެ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ދީދީގެ ވަކީލުން އަދި ދީދީވެސް ފާހަގަކުރަމުން ދަނީ ދީދީ ސަސްޕެންޑްކޮށްފައިވަނީ އުސޫލުން ބޭރުންކަމަށެވެ.