ލ.ކަލައިދޫއިން ގަސް ނަގަންވީމަ އީޕީއޭއަކަށް ނޭނގޭނެކަމަށް ކަލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ، އެ ރަށު ކައުންސިލުން ކިނބިގަސްތަކެއް ވިއްކިކަމަށް މައުލޫމާތު ލިބިގެން ފުލުހުން ކައުންސިލް ރައީސްއާއި ސުވާލުކުރުމުންނެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ.ކަލައިދޫގައި އޮތް ބޯޓަކަށް ގަވާއިދާއި ޚިލާފަށް އެ ރަށުން ނަގާފައި ހުރި ކިނބި ގަސްތަކެއް އަރުވާފައިވާކަމަށް ބުނެ ލ.އިސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެނު މައްސަލައަކާއި ގުޅިގެން ފުލުހުން ގޮސް ބެލިއިރު 20 ފޫޓު ހުންނަވަރުގެ ކިނބިގަސްތަކެއް އެ ބޯޓަށް އަރުވާފައި ހުއްޓާ ފެނިފައިވާކަމަށެވެ.
އަދި އެ ގަސްތަކަކީ އީޕީއޭގެ ހުއްދައެއްނެތި ކަލައިދޫ ކައުންސިލުން 10ރުފިޔާގެ މަގުން ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ކައުންސިލް ރައީސާއި ސުވާލުކޮށްފައވާކަމަށްވެސް ފުލުހުން މައުލޫމާތު ދެެއެވެ. އަދި ކައުންސިލް ރައީސާއި ސުވާލުކުރުމުން "ކަލައިދޫން ގަސް ނަގަންވީމަ އީޕީއޭއަކަށް ނޭނގޭނެކަމަށް" ވިދާޅުވިކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި އެ ގަސްތައް ނެގީ މަގެއް ހެދުމަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވިކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުންވަނީ އެ ސާޅީސް ކިނބިގަސްތައް ނެގި ތަންތަނުގައި އެ ގަސްތައް އަލުން އިންދާފައެވެ.