ގޮސިޕް ކުރުން ނުވަތަ ދެބައޮޑުވުމަކީ ހަމައެކަނި އަންހެން ވެރިންނަށް ހާއްސަ ކަމެކޭ ބުނާތީ އަޑު އަހަމެވެ. ގިނަ ފަހަރު ދެ އަންހެނަކު އެއްތަން ވެއްޖިއްޔާ ދައްކާނީ ކޮންމެވެސް އެހެން މީހެއްގެ ނެތިނުބައި ވާހަކައޭ ބުނާތީވެސް އަޑު އަހަމެވެ. މި މައުޞޫ އާއިގެން ކުރިޔަށް ދިޔުމުގެ ކުރިން މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އަހަންނަށް ދިމާވި ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. 

އާދައިގެ މަތިން ހަވީރުގެ ސައިގަޑި އަކީ އަބަދުވެސް އަހަރެން ބޯހަމަޖައްސާލުމަށް ސައި ތަށްޓެއް ނޫނީ ކޮފީ ތަށްޓެއް ބޯލުމަށް ރައްޓެއްސަކާއި އެކު ކޮންމެވެސް ކެފޭ އަކަށް ޖައްސާލާ ވަގުތު ކޮޅެކެވެ. ނަމަވެސް އެދުވަހު ކަންދިމާކުރި ގޮތުން ރަހުމަތްތެރިޔާއަށް އާދެވޭނެ ގޮތެއް ނުވުމުން އެދުވަހު ކޮފީއެއް ބޯލަން ދާން ޖެހުނީ އެކަންޏެވެ. އަހަރެން ގޮސް ކެފޭ އަށް ވައިންއިރު ކެފޭ އޮތީ މީހުންނާއިގެން ފުރި ބާރުވެފައެވެ.

ކެފޭ ތެރެއިން ފެންނަމުންދިޔައީ އެކި އުމުރު ފުރައިގެ މީހުން މޭޒުތައް ވަށާލައިގެން އޮލަ ވާހަކައިގައި ނުވަތަ ފޯނުން ޗެޓުކުރުމުގަޔާއި ގޭމު ކުޅުމުގައި އަވަދިނެތި ތިބި މަންޒަރެވެ. މި ބުނާ ކެފޭގައި ތިބީ މުޅިންހެންވެސް ފިރިހެން ވެރިން ނެވެ. އަހަރެންވެސް ގޮސް ކެފޭގެ މެދެއްހާ ހިސާބުގައި އިން މޭޒެއްގައި އިށީންދެ ހަމަޖެހިލީމެވެ. ރަހުމަތްތެރިޔާއަށް އާދެވޭ ގޮތް ނުވުމުން ތަންކޮޅެއް ބޮޑަށް މާހައުލުގައި ހިނގާ ކަންކަމަށް ނަޒަރު ހިންގާލަން އަހަންނަށް ފުރުސަތު ލިބުނެވެ. 

މިހެން އިންދާ އަހަރެންގެ ފުރަގަހުން ބާރަށް ހީ ސަކަރާތް ޖަހަމުން ދިޔަ ބައެއްގެ ވާހަކަ ތަކަށް ޝައުގުވެރިކަން ދެވުނެވެ. އެމީހެން ހީހީފައި ދައްކަމުން ދިޔައީ ކޮންމެވެސް އަންހެން ކުއްޖެއްގެ ވާހަކައެވެ. އެކުއްޖާގެ އައިބުތަށް ކިޔާ އެކުއްޖާގެ ވާހަކަދައްކާ ހީ ސަކަރާތް ޖަހަމުން ދިޔައެވެ. ގަސްތުގައި ނޫން ނަމަވެސް އެތަނުގައި ތިބި ގިނަ މީހުންގެ ވާހަކަތަށް އަޑު އިވެމުން ދިޔައެވެ. ކޮންމެ މޭޒެއް ކައިރިންހެން އިވެމުން ދިޔައީ ކޮންމެވެސް މީހެއްގެ ނެތިނުބައިވާހަކަ ނޫނީ ކޮންމެވެސް މީހަކަށް ހަޖޫ ޖަހަމުން ދިޔަ އަޑެވެ.

ކޮފީތަށި ހުސްވަންދެން އެތާ މަޑުކޮށްލި ކަމައްޓަކައި އެތަށް ބައެއްގެ ވަހާކަ އަޑުއިވި އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އެދުވަހުގެ އެވަގުތުކޮޅު ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މީގެ ކުޑަދުވަސް ކޮޅެއް ކުރިން ދިން އިންޓަވިއު އެއްގައި ބުނެލި ބަސްކޮޅެކެވެ. "ދިވެހި ޒުވާނުންނަކީ ގިނައިން ކެފޭ ތަކުގައި އަޗާތަޅަން ތިބޭ ބެއެކޭ" ބުނެ ޖާބިރު ބުނެލި ބަސްކޮޅެވެ. އެދުވަހު އަހަންނަށް އަޑު އިވުނު ވާހަކަ ތަކާއި މެދު ވިސްނާލާނަމަ ނެތި މޮށެނީ ނުވަތަ ގޮސިޕް ކުރަނީ ހަމައެކަނި އަންހެންވެރިން ނެކޭ ބުނެވޭކަށް ނެތެވެ. ބައެއް މީހުން އެމީހެން އަނބިންގެ ވާހަކަ ހުރިހާ ރައްޓެހިން ކައިރީ ދައްކާ ހީ މަލާމަތް ކުރަމުން ދިޔައިރު އަނެއް ބަޔަކު އެމީހުންގެ ތެރޭގައި އުޅޭ ރައްޓެއްސެއްގެ ރަނޑު ވާހަކައާއި ނުކެރޭ ވާހަކަ ދައްކާ މަލާމަތްކޮށް ހީ ސަކަރާތް ޖަހަމުން ދިޔަ އެވެ.

މި ދުވަހުގެ މިހާދިސާއަށް ފަހު އަމިއްލައަށްވެސް ދެއްކޭ ވާހަކަތަކާއި މެދު ވިސްނާލުމަށް އަހަންނަށް މަޖުބޫރު ވެގެން ދިޔައެވެ. ނޭންގި ނަމަވެސް މަޖަލަކަށް ނަމަވެސް މީހުންގެ އައިބުކިޔާ ނެތި މޮށުމަކީ ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެވެ. މިފަދަ ކަންކަމަކީ އަހަރުމެންގެ މުޖުތަމައުގައި މިހާރު ފެށަނެއްގެ ގޮތުގައި ފެތުރެމުންދާ ނުބައި އާދަ ތަކެކެވެ. މިކަން ކަމަކީ ވަކި ޖިންސަކަށް އޮތް ކަންކަމެއް ނޫނެވެ. މިކަން ކަމުގައި ފިރހެނުންވެސް އަންހެނުންނެކޭ މިވަނީ ހަމަ އެއްވަރެވެ. އެހެނަސް ވިސްނާލަން ޖެހޭ ކަމަކީ މިގޮތަށް ވަގުތުތަށް ބޭކާރު ގޮތުގައި ހޭދަކުރުމަށް ވުރެ ހެޔޮގޮތުގައި މިވަގުތަށް ހޭދަކޮށްލައިފި ނަމަ ލިބޭ ހެޔޮކަމާއި ދަރުމަ ބޮޑުވާނެކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *