މިދިޔަ ޖުލައިމަހުގައި ސްޕެއިންގެ ކޯޗުގެ މަގާމާއި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހަވާލުވީ ކުރީގެ ކުޅުންތެރިޔާ ލުއިސް އެންރީކޭގެ އާއިލީ ސަބަބަކާހުރެ މަގާމުން އިސްތިއުފާދީފިއެވެ.
ގާތްގަނޑަކަށް 11 މަސްދުވަހު ސްޕެއިނަށް އިރުޝާދު ދިނުމަށްފަހު އެންރީކޭ ވަކިވުމުން އެ ޓީމާ ހަވާލުވާނީ މިހާރުގެ އެސިސްޓެންޓް ކޯޗު ރޮބާޓޯ މޮރޭނޯ އެވެ. އެ ޓީމު އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް އާއިލީ ސަބަބަކާހުރެ އެންރީކޭ ނެތުމުން އިރުޝާދުދީފައިވަނީ މޮރޭނޯ އެވެ. މޮރޭނޯގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ.
ސްޕެއިނުގެ ގައުމީ ޓީމަށް 62 މެޗު ކުޅެދީފައިވާ ރެއާލް އަދި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އަށް ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އިރުޝާދުދެވުނީ އެންމެ ހަތް މެޗުގައެވެ.
އެންރީކޭއާ ކޯޗުގެ މަގާމް ހަވާލުވީ، އެންމެފަހުގެ ވޯލްޑްކަޕަށް ފަހު ފެނާންޑޯ ހިއޭރޯ އިސްތިއުފާދިނުމުންނެވެ. އޭގެކުރީން، އޭރުގެ ހެޑްކޯޗު ހުލެން ލޮޕެޓީގު މަގާމުން ދުރުކުރީ ފެޑެރޭޝަނަށް އެންގުމަކާއި ނުލައި ވޯލްޑްކަޕް ނިމުމުން ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވުމުންނެވެ.
މީގެކުރީން، މޮރޭނޯ ވަނީ އެންރީކޭގެ އެސިސްޓެންޓެއްގެ ގޮތުގައި އިޓަލީގެ އޭއެސް ރޯމާ އާއި ސެލްޓާ ވިގޯގެ އިތުރުން ބާސެލޯނާގައިވެސް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އޭނާ ހެޑް ކޯޗުގެ މަގާމު އަދާކޮށްފައެއްނުވެއެވެ.
"ކޯޗުގެ މަގާމުގައި ދެން އިތުރަށް ދެމިނުހުރެވޭނެކަމަށް އެންރީކޭ ވަނީ އަހަރެމެން ގާތުގައި ބުނެފައި. އޭނާ މިހާތަނަށް ގައުމީ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރުވެރިވަން. އޭނާ އަށް އަބަދުވެސް ފެޑެރޭޝަނުގެ ދޮރު ހުޅުވިފައި ހުންނާނެ." ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއަލްސް ބުންޏެވެ.
"އަހަރެމެންގެ ނިންމުމަކީ ކޯޗެއްގެ ގޮތުގައި މޮރޭނޯ ބެހެއްޓުން. އޭނާ އެ މަގާމުގައި 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ދެމިހުންނާނެ. އަމާޒަކީ އެ މުބާރާތަށް ކޮލިފައިކޮށްދީ ރަނގަޅު ނަތީޖާއެއް ނެރުން." ރުބިއަލްސް ބުންޏެވެ.
މޮރޭނޯ ވަނީ ސްޕެއިނުގެ ކޯޗުގެ މަގާމު އޭނާއާ ހަވާލުކުރުމުން އެކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޝުކުރުއަދާކޮށްފައެވެ. އަދި، އެންރީކޭ ފެށި މަސައްކަތް އޭނާ އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.