ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ ގަތުމަށް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާގެ ކްލަބުން ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނޭމާ ގެންދިއުމަށް މަސައްކަތްކުރާނެކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބު ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.
ނޭމާ ގަތުމަށް ރެއާލުން ކުރާ މަސައްކަތުގައި، އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ގުރުބާންކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަމައެގޮތަށް، ބާސެލޯނާއާ ގުޅުންހުރި ވަރަށް އިތުބާރުހުރި ފަރާތަކުން ހާމަކުރި ގޮތުގައި އެ ކްލަބަށް އަލުން ނޭމާ ގެނައުމަކީ ކުރެވޭނެކަމެއް ނަމަވެސް އެއީ އެހާ ފަސޭހައިން ކުރެވޭނެކަމެއްގެ ގޮތުގައި ގަބޫލުނުކުރެވޭކަމަށް ބުނެފައިވެއެވެ.
ބެލެވޭގޮތުގައި، ބާސެލޯނާ އިން އަލުން ނޭމާ ގެނައުމުގެ މަސައްކަތްފެށީ އެ ކްލަބުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އެދުމުގެ މަތީން ކަމަށްވެއެވެ. އެގޮތުން، ނޭމާއާ ބާސެލޯނާގެ އެންމެ މުހިއްމު ކުޅުންތެރިންކަމަށްވާ ކެޕްޓަން ލިއޮނަލް މެސީ އަދި ލުއިސް ސުއަރޭޒްގެ މެދުގައި ވަރަށް ގާތް އެކުވެރިކަމުގެ ގުޅުމެއް އޮވެއެވެ.
އަހުލާގު ދަށް އަމަލުތައް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް އެ ކްލަބްގެ ރައީސް ނާސިރު އެލް ހެއްލާފީ ވަނީ ދާދި ފަހުން ނުސީދާގޮތުން އިންޒާރެއްދީފައެވެ. އެގޮތުން، އެއްވެސް ކުޅުންތެރިއަކު ކްލަބަށް ވުރެން ބޮޑު ނުވާނެކަމަށާއި މާ މަޝްހޫރުވެ، ބޮޑާވެގަތުން ގަބޫލުނުކުރެވޭނެކަމާއި ޕީއެސްޖީ އަށް ބޭނުންވަނީ ގަދައަޅާ މަސައްކަތްކުރާ ކުޅުންތެރިންކަމަށް ވަނީ ބުނެފައެވެ.
އަހުލާގީ މައްސަލަތަކުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ބޭންޑް ނޭމާ އަތުން ނެގުމަށް ފަހު ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ދީފައިވާއިރު ގަތަރާ ދެކޮޅަށް ކުޅެނިކޮށް ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް ވަނީ މިހާރު އެ ގައުމުގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުޞަތު ގެއްލިފައެވެ. އަދި ބްރެޒިލްގެ އަންހެނެއް ފްރާންސަށް ގެނެސް މިދިޔަ މަހު އޭނާ ރޭޕްކުރި ކަމުގެ ތުހުމަތު ނޭމާއަށް ކުރެވިފައިވާއިރު، ނޭމަ ވަނީ މިދިޔަ ހަފްތާގައި ބްރެޒިލްގެ ޕޮލިހަށް ހާޒިރުކޮށްފަ އެވެ. ނޭމާ ވަނީ އެކި ފަހަރުމަތީން އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.