އުމުރުން އެއް އަހަރުވުމުން، ޕްރީސުކޫލަށް ވައްދާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާގައި އެބިލަށް ވޯޓް ލުމަށް ފުރުސަތު ހުޅުވާލުމުން، އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ. އަދި އަދި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 62 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވިއެވެ.
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ.
އެކަމަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެގޮތަށް ގާނޫނު ބަދަލު ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.