މިހާރު ފްރާންސްގައި ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ ކުޅުނު މެޗުގައި އިޓަލީ ކޮޅަށް ބްރެޒިލްގެ މާރްތާ ކާމިޔާބުކުރި ގޯލާއެކު އެ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.

ފީފާ ވޯލްޑްކަޕްގައި ޖުމްލަ 16 ގޯލް ޖަހައިގެން ޖަރުމަންގެ ފޯވާޑް މިރޮސްލާވް ކްލޯސާ އަތުގައި ކުރީން އޮތް މި ރެކޯޑް، އުމުރުން 33 އަހަރުގެ މާރްތާ މުގުރާލީ ޖުމްލަ 17 ގޯލް ހަމަކޮށްގެންނެވެ. މާރްތާގެ ގޯލާއެކު ބްރެޒިލް ވަނީ މި މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދައިފައެވެ.

އިޓަލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު މި މެޗުގައި މާރްތާ ގޯލްޖަހައިދިނީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި މުބާރާތުގައި ރޭ އޮސްޓްރޭލިއާ ކުޅުނު މެޗުން 4-1 އިން ޖެމެއިކާ އަތުން މޮޅުވެ ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ސަމަންތާ ކާ (ސޭމް ކާ) އެވެ.

އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން މިހާތަނަށް ޖާގަ ކަށަވަރުކުރި ޓީމުތަކުގެ ތެރޭގައި ބްރެޒިލްގެ އިތުރުން ޖަރުމަނާއި ނޯވޭ އާއި ފްރާންސް، ސްޕެއިން އާއި އިޓަލީ އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *