ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، މަޖިލީހުގެ ބާރުތަކާއި އެ މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް ޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ބ.ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ގަރާރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން، ޖޭއެސްސީގެ ނިންމުމަށް ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތަށް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ނެރެނު އަމުރު ދެމި އެބަ އޮތް ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް އިއްޔެ ވެސް އަމުރެއް ނެރުމާއި ގުޅިގެން ހުށަހެޅި ގަރާރެއް ކަމަށެވެ.
ހިސާން އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ކަމަކަށް ގޮތް ކިޔުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ސާފު ބަހުން ބުނެފައި ވަނިކޮށް ގާނޫނުގައި ކަނޑައެޅިފައިވާ އެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ.
ހިސާން ވިދާޅުވީ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކުގެ މައްޗަށް އަރައިގަނެ ސުޕްރީމް ކޯޓުން ނެރެމުންދާ އަމުރުތަކަކީ ދިވެހި ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.