ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ބްރެޒިލް ޖެހި ގޯލްތައް ކެންސަލްކުރުމުން ވެނެޒުއޭލާ އަތުން އެ ޓީމަށް މޮޅުނުވެވުނުއިރު ޕެރޫ ވަނީ ބޮލީވިއާ ބަލިކޮށްފައެވެ.

ވެނެޒުއޭލާއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު ބޮލީވިއާ އަތުން ފަހަތުން އަރައި ޕެރޫ މޮޅުވީ 3-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް އޭ ގެ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައިއުޅޭ ބްރެޒިލް އާއި ޕެރޫ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލްގެ ތަފާތުން ކުރިލިބެނީ ބްރެޒިލަށެވެ. އެންމެ ފުލުގައި އުޅޭ ބޮލީވިއާ އަށް އަދި ޕޮއިންޓެއްލިބިފައިނުވާއިރު ވެނެޒުއޭލާ އޮތީ ދެ ޕޮއިންޓާއެކު ތިންވަނައިގައެވެ. މި ގްރޫޕުގެ ޕޮއިންޓް ތާވަލް މިހާރު އޮތް ގޮތުން ބްރެޒިލްގެ އިތުރުން ޕެރޫ އަދި ވެނެޒުއޭލާ އަށް ވެސް ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ބޮލީވިއާ އަތުން ބްރެޒިލް މޮޅުވި މެޗުގައި ދެއްކި ކުޅުމަށްވުރެ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެހެންނަމަވެސް، އެ މެޗެކޭ އެއްފަދައިން މި މެޗުގައިވެސް އެ ޓީމަށް މަދުވެގެންދިޔައީ ގޯލެކެވެ.

އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑޭވިޑް ނެރޭސް އާއި ރޮބާޓޯ ފިރްމީނޯގެ އިތުރުން ރިޗާލިސަން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނުއިރު މި ހާފުގައި ވެނެޒުއޭލާގެ ފޯވާޑް ސަލޮމަން ރޮންޑޮން އެ ޓީމަށް ލީޑްނަގައިދިނުމާއި ވަރަށް ގާތަށް ޖެހިލިއެވެ. 

މެޗުގެ 19 ވަނަ މިނެޓުގައި ޔަންހެލް ހެރޭރާ ނަގައިދިން ހުރަހަކުން ނިއަޕޯސްޓުގައި ހުރެ ރޮންޑޮން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ. މީގެއިތުރުން، މި ހާފުގައި ބްރެޒިލްގެ ފިރްމީނޯ ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރީން އޭނާ ފައުލްކުރިކަމަށް ނިންމާ ރެފްރީ ވަނީ ގޯލް ކެންސަލްކޮށްފައެވެ.

ދެވަނަ ހާފަށް ބްރެޒިލުން ނިކުތީ ބަދަލަކާއެކުގައެވެ. ރިޗާލިސަންގެ ބަދަލުގައި ގެބްރިއެލް ޖެސޫސް ކުޅެން ނެރުމުން އެ ޓީމުގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވިއެވެ. ނަމަވެސް، ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައިވެސް ބްރެޒިލަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، އެ ޓީމުގެ ޖެސޫސް ގޯލެއް ކާމިޔާބުކުރިއިރު ފިރްމީނޯ އޮފްސައިޑް މަގާމެއްގައި ހުރުމުން، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ، އެ ގޯލް ކެންސަލްކޮށްފައިވާއިރު މެޗު ނިމެން ދަނިކޮށް ފިލިއްޕޭ ކުޓީނިއޯ ޖެހި ގޯލްވެސް، އެވަޓަން އެ ބޯޅަ ހުރަސްކުރިއިރު ފިރްމީނޯ އޮފްސައިޑްކަމަށް ބުނެ ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެރޫ ވަނީ ވެނެޒުއޭލާ އަތުން 3-1 އިން މޮޅުވެ، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރަށް ވިދިވިދިގެން ނުވަވަނަ ފަހަރަށް ދަތަރުކުރުމާއި ގާތަށް ޖެހިލާފައެވެ. ރޭގެ މެޗުގެ 28 ވަނަ މިނެޓުގައި ބޮލީވިއާ އަށް ލިބުނު ޕެނަލްޓީއަކުން މާސެލޯ މޮރޭނޯ އެ ޓީމަށް ލީޑްނަގައިދިންއިރު ފުރަތަމަ ހާފު ނިމެންދަނިކޮށް ތަޖުރިބާކާރު ފޯވާޑް ޕައޮލޯ ގަރޭރޯ ވަނީ ޕެރޫ އަށް އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ގަރޭރޯ ދިން ބޯޅައަކުން ޔެފަސަން ފަފާން ކާމިޔާބުކުރި ގޯލާއެކު ޕެރޫ އިން ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނެގިއިރު، މި ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޑިސަން ފްލޮރެސް، އިތުރުވަގުތުގައި ކާމިޔާބުކުރި ގޯލުން ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ކޮޕާ އެމެރިކާގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖޭގަޑިން ދަންވަރު 02:30 ގައި ގަތަރާ ދެކޮޅަށް ކޮލަމްބިއާ ނިކުންނައިރު، ފަހު މެޗުގައި ފަތިހު 05:30 ގައި ބައްދަލުކުރާނީ އާޖެންޓީނާއާ ޕެރަގުއޭއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.