އެމްޑީޕީގެ ކޮމާންޑަރުގެ ގޮތުގައި، ގިނަ ބަޔަކު ދަންނަ އާދަމް މޫސާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް މަރުވެފައިވަނީ އިންޑިއާގެ ޓްރެވިންޑަމުގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހެވެ.
އާދަމް މޫސާ ނިޔާވެފައިވަނީ ރޭ ފަތިހު 4:30 ހާއިރެވެ. އާދަމް ވަނީ ބަލި ބޮޑުވެގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްވެސް ކޮށްފައެވެ.
އާދަމު މޫސާގެ އާއިލާއިން މައުލޫމާތު ދެމުން ބުނީ، އޭނާގެ ހަށިގަނޑުން ލޮނު ދަށްވުމުގެ ސަބަބުން ވަރަށް ގިނަ ދުވަސް ވަންދެން ފަރުވާ ހޯދާފައިވާ ކަމަށެވެ.
ސްކޫލެއްގެ ސެކިއުރިޓީ އޮފިސަރަކަށް އުޅުނު އާދަމް މޫސާ އެމްޑީޕީގެ ހަރަކާތްތަކުން އަބަދުވެސް ފެންނާނީ އޭނާގެ ހާއްސަ ޔުނިފޯމުގައެވެ. ރީނދޫ ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި ތޮއްޕެއް އަޅައިގެން ހުންނަ އިރު، ގަމީހުގެ ކޮނޑުގައި ތަރިތަކާއި މޭމަތީގައި ގިނަ ބެޖުތަކެއް ހަރުކޮށްފައި ހުރެއެވެ.