އުމުރުން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އިނާޔަތް 10،000 ރުފިޔާއަށް ބޮޑުކުރުމަށާއި އަދި، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުން އަންނަ 2000 ރުފިޔާގެ އިނާޔަތް 7500 ރުފިޔާއަށް ބޮޑު ކުރަން ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ބައެއް ދާއިރާތަކަށް ދެމުން އަންނަ ފައިސާގެ އެހީގެ މިންވަރު ބަދަލުކުރީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވެއެވެ.
އެ ފައިސާގެ އަދަދަށް ބަދަލު ގެންނާނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކޮށް މަޖިލީހުން ނިންމާ ގޮތެއްގެ މަތީންނެވެ.