މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ލިބެން ޖެހޭ 78 މިލިއަން ރުފިޔާ ދިނުމަށް، ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެންބީސީން ބިގް އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބައޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށް ފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އެއީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިން ގުޅިގެން އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ މާރިޗްމަހުގެ ފަހުން އެއްވެސް މަސްލަހަތެއް އެކުންފުނީގައި ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ލިބިފައި ހުރި އަނިޔާތަކާއި އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބިފައި ހުރި ގެއްލުންތައް ވަޒަން ކުރި އިރު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.
މިއަދު ބޭއްވުނު ޖަލްސާގައި ވަނީ، ބަންޑާރަ ނައިބާއިވެސް ބިގް މައްސަލައިގަ ސުވާލުކޮށްފައެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ބަނޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ބިގް އިން ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދައުވާއާ ބެހޭ ގޮތުން ކުރި ހުކުމަކީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ކަމަށާއި އެހެންވެ އިސްތިއުނާފް ކުރަން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ.