ބޭރުގެ އެހީތެރިން ހޯދަން ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާނީ ސަފީރުން ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމޭރެމުން ވާހަކަފުޅު ދެއްކެވީ، ދިވެހި ސަފީރުންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާހިލް ވިދާޅުވީ، މިއަދަކީ ހާއްސަ ދުވަހެއް ކަމަށާއި، ބޭރުގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ސަފީރުންނާ، މިފަދަ މާޙައުލެއްގައި ބައްދަލުކޮށްލަން ފުރުސަތު ލިބުމުން އެމަނިކުފާނު ވަަރަށް އުފާވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ދިވެހި ސަފީރުންގެ ބައްދަލުވުމެއް ބޭއްވުމުގެ މަގްސަދަކީ، ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި މިހާރަށްވުރެ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިޔުމަށްޓަކައި، ރާއްޖެއިން ލިބެންހުރި ފުރުޞަތުތަކުގެ ބޭނުން މިހާރަށްވުރެ ފުރިހަމައަށް ހިފައިގެން، ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރުން ކަމަށެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވަމުން، ރައީސް ވިދާޅުވީ، އެހެން ޤައުމުތަކާއެކު ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރަނީ ގާނޫނުގެ ބާރު ނަގަހައްޓާ، ހަމަޔާއި އިންސާފު ގާއިމް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.